ބަރުދަން ލުއިކުރަން ކާން އެންމެ ރަނގަޅު 5 މޭވާ!

ބަރުދަން ލުއިކުރުމަކަށް ވަކި މޮޅު “ޖާދޫ” އެއް ނޯވެއެވެ. އެއީ ވަކި ގޮތަކަށް ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށްގެން ކުރެވެން އޮންނަ ކަމެކެވެ. ޙާއްސަކޮށް ކެއުމަށް ބަދަލު ގެނެސް، ވީހާވެސް ގިނައިން ކަސްރަތު ކުރުމުން ފަސޭހައިން ބަރުދަން ލުއި ކޮށްލެވޭނެއެވެ. ކެއުމަށް ގެންނަ ބަދަލުގައި ވީހާވެސް ގިނައިން މޭވާއާއި ތަރުކާރީގެ ބާވަތްތައް ހިމަނަން ވާނެއެވެ. އެގޮތުން މިފަހަރު މި ފާހަގަކޮށްލަނީ، ބަރުދަން ލުއިކުރުމަށް އެންމެ ބޮޑަށް އެހީވެދޭ 5 މޭވާއެކެވެ.

1. އަލަނާސި

މިއީ ވަރަށް ގިނަ މީހުންގެ ފެވަރިޓެކެވެ. ކާލަން މީރު މި މޭވާއަކީ ވިޓަމިން ބީ6 އާއި ވިޓަމިން ސީ އަދި އަޔަން ފަދަ މާއްދާތަކުން މުއްސަނދިވެފައިވާ މޭވާއެކެވެ. ބަރުދަން ލުއިކުރުމަށް އެހީވެދިނުމުގެ އިތުރަށް، ނޭވާހިއްލުން (އެސްތްމާ) އާ ދުރުކޮށްދީ، ހިތުގެ ބަލިތަކާއި ހަކުރުބަލިން ވެސް ދުރުކޮށްދެއެވެ.

2. ލުނބޯ

ލުނބުލަކީ ވިޓަމިން ސީ އިން މުއްސަނދިވެފައިވާ އެއްޗެކެވެ. ލުނބޮލުން އެތެރެހަށި ޑީޓޮކްސް ކޮށްދީ، ހަޖަމުގެ ނިޒާމު ވަރުގަދަކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން ބަރުދަން ލުއިވުން ފަސޭހަވެގެން ދެއެވެ. މީގެ އިތުރުންވެސް ލުނބުލަކީ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ މޭވާއެއް ވެސް މެއެވެ.

3. ކަރާ

ކަރާއަކީ މަތީ މިންވަރަކަށް ފެން އެކުލެވޭ އެއްޗެކެވެ. އިނގިރޭސި ބަހުން “ވޯޓަމެލަން” ކިޔަނީ ވެސް އެހެންވެގެންނެވެ. ކަރާ ކެއުމުގެ ސަބަބުން ހަށިގަނޑު ހައިޑްރޭޓް ކޮށްދިނުމުގެ އިތުރުން، ސަރުބީތައް ވިރުވައިލުމަށްވެސް އެހީވެއެވެ. ކަރާގައި ހިމެނޭ މާއްދާތަކުގެ ތެރޭގައި ޕޮޓޭސިއަމް، ވިޓަމިން އޭ، ވިޓަމިން ބީ6 އަދި ވިޓަމިން ސީ ފާހަގަކޮށްލެވެއެވެ.

4. އާފަލު

މަދު ކެލޮރީޒް އެއް ހިމެނޭ މި މޭވާއަކީ މަތީ މިންވަރަކަށް ފައިބާ އެކުލެވޭ އެއްޗެކެވެ. މިއީ ވެސް ވޯޓަ-ކޮންޓެންޓް (ފެން އެކުލެވޭ ވަރު) މަތި އެއްޗެކެވެ. އާފަލުގައި ހިމެނޭ ފްލެވަނޮއިޑްސް އަދި އެންޓިއޮކްސިޑެންޓްސްގެ ސަބަބުން ހިތުގެ ބަލިތަކާއި ހަކުރު ބަލި އަދި ކެންސަރު ފަދަ ބަލިތަކުން ދުރުކޮށްދިނުމުގެ އިތުރުން، ބަރުދަން ލުއިކޮށްދިނުމުގައި ވެސް މުހިއްމު ދައުރެއް އަދާކުރެއެވެ.

5. ފަޅޯ

ފަޅޮލަކީ ސަރުބީތައް ވިރުވައިލުމަށް އެންމެ ރަނގަޅު އެއް މޭވާއެވެ. މި މޭވާއަކީ ވިޓަމިންގެ މާއްދާތަކާއި މިނެރަލްސް އިން މުއްސަނދިވެފައިވާ އެއްޗެކެވެ. ކެންސަރާ ދުރުކޮށްދޭ މި މޭވާއަކީ ދުޅަހެޔޮ ސިއްހަތަކަށް ވަރަށް މުހިއްމު އެއްޗެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!