ސްޓްރެސް ވެފަތަ؟ މިކަންކަން ކޮށްލާ

ސްޓްރެސް އަކީ ޖިސްމާނީ ނުވަތަ ނަފްސާނީ ގޮތުން ތިމާއަށް ކަންބޮޑުވުން ގެނުވާ ކަމަކާ މެދު ކަންބޮޑުވެ ފިކުރުކޮށް ހާސްވުމުގެ ސިފައެކޭ ބުނެވިދާނެއެވެ. އަހަރެމެން އުޅެމުންމިދާ ހަލަބޮލި ދިރިއުޅުމުގައި ފަހަކަށް އައިސް އެންމެ ގިނައިން ކުރިމަތިވާ ނަފްސާނީ އެއް މައްސަލައަކީ ސްޓްރެސް އެވެ.

ސްޓްރެސް އުފެދެނީ ކަމަކާ ކުރިމަތިލާންޖެހުމުން ތިމާގެ ސިކުނޑީގައި އުފެދޭ “ފައިޓް އޯ ފްލައިޓް ރެސްޕޮންސް”ގެ ސަބަބުންނެވެ. މާ ގިނައިން ސްޓްރެސް ވުމުގެ ސަބަބުން މީހާގެ ސިކުނޑިއާއި ހަށިގަނޑު ބަލިކޮށް، އެކި ބަލިތަށް ޖެހުމަށް ވެސް ބައެއް ފަހަރު މަގުފަހިކުރުވައެވެ.

މިލިޔުމުގައި އަޅުގަނޑު މި އަލި އަޅުވާލަނީ ”ސްޓްރެސް“ ކޮންޓްރޯލް ކުރާނެ ފަސޭހަ ބައެއް ގޮތްތަކަށެވެ.

ނިދި ހަމަކުރުން

އާންމު ގޮތެއްގައި މީހާ ހާސްވެ ކަންބޮޑުވުމުން ނުނިދި ވަރުބަލިވާގޮތް މެދުވެރިވެއެވެ. އެހެން ނަމަވެސް ހާސް ކަމާއި ކަންބޮޑުވުމުން ދުރުވުމަށް ނިދި ހަމަ ކުރަންވެސް ޖެހެއެވެ. ނިންޖަކީ ކޮންމެކަމެއް ކުރުމުގައިވެސް ވަރަށް މުޙިއްމު ދަޢުރެއް އަދާކުރާ އެއްޗެކެވެ. ނުނިދާހުރެ ޖެހިގެން އަންނަ ދުވަހު އޮފީހަށް ނުވަތަ މަސައްކަތަށް ނިކުމެއްޖެނަމަ، އެއްވެސް ކަމެއް ރަނގަޅަކަށް ނުކުރެވޭނެއެވެ. އެހެންކަމުން، ރޭގަނޑު މަދުވެގެން 6 ގަޑިއިރު ނިދާށެވެ. އެންމެ ރަނގަޅީ 8 ގަޑިއިރުކަމަށް ކަމުގެ މާހިރުން އަބަދުވެސް ބުނެއެވެ.

 ކަސްރަތުކުރުން

ގަވާއިދުން ކަސްރަތުކުރުމަކީ ”ސްރްޓެސް“ އާއި ދެކޮޅަށް ހަށިގަނޑު މަސައްކަތްކުރަން އެހީތެރިވެދޭ ކަމެކެވެ. ސަބަބަކީ ކަސްތަރުކުރުމަކީ ސިނކުޑިއާއި، ލޭ ދައުރުކުރާ ނިޒާމަށް ފައިދާހުރި ކަމަކަށް ވާތީއެވެ. އަދި ސްޓްރެސްއާ ކުރިމަތިލާއިރު ދުޅަހެޔޮ ކާނާ ކެއުމަކީވެސް މުހިންމު ކަމެކެވެ. އޮފީސް މާހައުލުގައިވެސް ސްޓްރެސް އިން ދުރުވުމަށް ދޭތެރެ ދޭތެރެއިން ފަސް މިނެޓެއްހާއިރުގެ ކުޑަ ބްރޭކެއް ނަގާލުމަށްފަހު، ކުޑަ ކަސްރަތެއް ކޮށްލާށެވެ. 

ވާހަކަތައް މިހާކާ ހިއްސާ ކުރުން

ކަމަކާ ފިކުރު ބޮޑުވާ ނަމަ ލަސްނުކޮށް ހެޔޮ އެދޭ ނުވަތަ އިތުބާރު ހިފޭ މީހަކާ އެކަމެއް ހިއްސާކޮށްލައި މަޝްވަރާކޮށްލާށެވެ. އެހެން ހެދުމުން ތިމާގެ ހިތަށް ކުޑަ ތަސައްލީއެއް ލިބިގެންދާނެއެވެ. 

ފުންކޮށް ނޭވާލުން ނުވަތަ މެޑިޓޭޓްކުުރުން

”ސްޓްރެސް“ ވުމުގެ ސަބަބުން ހިތް އަވަސްވެ، އަވަސް އަވަހަށް ކުރު ނޭވާލެވި، ލޭނާރުތަކުގައި ލޭއިތުރުވެ، އެ ނާރުތަކަށް ބާރުވެއެވެ. އެހެންކަމުން ފުން ނޭވައެއް ލެވިއްޖެނަމަ ސްޓްރެސްވުން ކުޑަ ކޮށްދެއެވެ. ސްޓްރެސްވާ ހާލަތްތަކުގެ ދޭތެރެ ދޭތެރެއިން ލޯ މަރާލުމަށްފަހު އަލުން ހުޅުވުމަކީ ސްޓްރެސް ފިލުވާލުމަށް ރަނގަޅު ގޮތެކެވެ.

ދީނީ ކަންކަމަށް ސަމާލުކަން ދިނުން

ތިމާގެ ވިސްނުން ބޭކާރުކަންކަމަށް ގޮސް، ސްޓްރެސްއަށް ތިމާ ވެއްޓެނީ ގިނަފަހަރަށް ދީނީކަންކަމަށް ފަރުވާ ކުޑަކުރުމުގެ ސަބަބުންކަމަށް ގިނަ ދީނީ ޢިލްމުވެރީން ބުނެއެވެ. ގަވައިދުން ނަމާދު ކުރުމާއެކު އަޅުކަމުގައި ވަގުތު ހޭދަކުރުމަކީ ވެސް ސްޓްރެސްއިން ދުރުވުމަށް އެހީތެރި ވެދޭނެ ކަމެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!