ސުޝާންތު މަރައިލީ އޭނާ ގެންގުޅުނު ކުއްތާގެ ބެލްޓު ބޭނުންކޮށްގެން ކަމަށް ބެލެވޭ: ކުރީގެ ޕާސަނަލް އެސިސްޓެންޓް

ޖޫން 14 ގައި ދަންޖެހިފައި ހުއްޓައި ފެނުނު އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތަކީ އަމިއްލައަށް މަރުވާނެ މީހެއް ކަމަކަށް ނުލެބޭ ކަމަށާއި، އޭނާ ވަނީ ބަޔަކު މަރާލާފައި ކަމަށް ކުރީގެ ޕާސަނަލް އެސިސްޓެންޓް އަންކިތު އަޗާރްޔާ ބުނެފިއެވެ.

ސުޝާންތާ ވަރަށް ގާތްކޮށް ކުރިން އުޅުނު އަންކިތު ‘ޕިންކްވިލާ’ އަށް ދިން އިންޓަވިއުގައި ބުނީ އޭނާ ވަރަށް ރަނގަޅަށް ސުޝާންތު ދަންނަ ކަމަށާއި، ޕާސަނަލް އެސިސްޓެންޓުގެ ގޮތުގައި ހުރިއިރު އަބަދުވެސް އުޅުނީ ސުޝާންތާ އެކީ ކަމަށެވެ. “އެހެންވެ މި ބުނަނީ އެއީ ސުއިސައިޑެއް ކަމަށް ގަބޫލެއް ނުކުރެވޭ. ހީވަނީ ޤަތުލެއް ހެން”.

އަންކިތު އަދި ސުޝާންތު

މީގެ އިތުރުން އަންކިތު ބުނީ، އެއީ ސުއިސަޑެއް ކަމަށް ބެލިޔަސް ސުޝާންތުގެ ކަރުގައި ހުރި ނިޝާނުން ބުނެދެނީ އެހެން އެއްޗެއް ކަމަށެވެ. “އަމިއްލައަށް މަރުވި ނަމަ އެ ނިޝާން އިންނާނީ އޯ ގެ ބައްޓަމަށް. އެކަމަކު ސުޝާންތުގެ ކަރުގަ ހުރި ނިޝާން ހުރީ ޔޫ ބައްޓަމަށް. އެއީ މީހަކު ގަސްދުގަ ކަރުގަ އެއްޗެއް އައްސައިގެން މަރާލީމަ ހުންނަ ގޮތް”، އަންކިތު ބުންޏެވެ.

ހަމައެހެންމެ އަންކިތު ފާހަގަކުރި އަނެއް ކަންތައްތަކަކީ، ދަންޖެހިގެން އަމިއްލައަށް މަރުވާ މީހުންގެ ދެލޮލާއި ދޫ ބޭރަށް ނުކުމެފައި ހުންނަ ކަމާއި، އަނގައިން ފޮނު ނުކުންނަ ކަމެވެ. “އެކަމަކު ސުޝާންތުގެ ހަށިގަނޑު ފެނުނުއިރު އެކަހަލަ އެއްވެސް ކަމެއް ނެތް. އަހަރެން އަތުގަ އަދިވެސް އެބަހުރި އެ ފޮޓޯތައް. އެ ފޮޓޯތަކަށް ބަލާފަ އަހަންނަށް ފެންނަން ހުރީ އެއީ ސުއިސަޑެއް ނޫން ކަން”.

އަންކިތު ހާމަކުރި އެންމެ ހައިރާންކުރުވަނިވި ކަމަކީ، ސުޝާންތު މަރާލަން ބޭނުންކޮށްފައި ހުރީ ކޯއްޗެއް ކަން އޭނާއަށް ލަފާ ކުރެވޭ ކަމެވެ. “އޭނާގެ ކަރުގަ ހުރީ ނިޝާނެއް ބަލާފަ ހީވަނީ އެއީ އޭނަގެ ޕެޓް ފަޖްގެ ބެލްޓުހެން. ސުޝާންތުގެ ގާތިލުން ސުޝާންތު މަރާލަން ބޭނުންކޮށްފަ ވަނީ އެ ކުއްތާގެ ބެލްޓު”، އަންކިތު ހާމަކުރިއެވެ.

ސުޝާންތުގެ މަރުގެ ތަހުގީގާ ސީބީއައި އިން ހަވާލުވެފައިވާތީ އަންކިތު ވަނީ އެކަމާ އުފާކޮށްފައެވެ.

ސުޝާންތުގެ އާއިލާއިން ކޮށްފައިވާ ތުހުމަތުތަކަށް ބަލާއިރު، އޭނާގެ މަރުގެ ފަހަތުގައި ލޯބިވެރިޔާ ރިއާ ޗަކްރަބަތީގެ އަތެއް ވާކަމަށް ބެލުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!