ވިއްސާރައިގެ ސަބަބުން ޅ. އަތޮޅުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގެއްލުންތަކެއް ވެއްޖެ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގެއްލުންތަކެއް ވެއްޖެއެވެ.

ވިއްސާރައިގެ ސަބަބުން ގެއްލުންވެފައިވާ ރަށްރަށުގެ ތެރެއިން ޅ.ކުރެންދުއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެ 6 ގެޔަކަށް ފެންވަނުމުގެ ސަބަބުން އެކިވަރުގެ ގެލުންތަކެއް ވަނީ ވެފައެވެ. އަދި ޅ.ނައިފަރަށްވެސް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 4 ގެއަކަށް ފެންވަދެ ގެއްލުންތަކެއް ވެފައިވެއެވެ. މީގެ އިތުރުން އެއަތޮޅު ހިންނަވަރުގެ 3 ގެއަކަށް ފެންވަދެ ގެއްލުންތަކެއް ވެފައިވެއެވެ. މިތިންރަށުގެ ފެން ހިންދުމަށާއި ޢާއްމުންނަށް އެހީތެރިވުމަށްޓަކައި އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިންވަނީ ޙަރަކާތްތެރިވެފައެވެ.

ޅ. އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވީ މިއަދު އެ އަތޮޅަށް ކުރި ވިއްސާރައިގައި ކުރެންދޫ، ނައިފަރު އަދި ހިންނަވަރުގެ ބައެއް ގެތަކަށް ފެން ވަދެގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެގޮތުން ކުރެންދޫ އަދި ނައިފަރުން ވެސް 20 ވަރަކަށް ގެއަށް ފެން ވަދެގެން ރިޕޯޓުކޮށްފައިވާ ކަމަށާއި، މިރޭ އަށެއް ޖެހުމާ ހަމައަށް ހިންނަވަރުންގެ 10 ގެއަކަށް ގެން ވަދެގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފެން ވަދެެގެން އެއްވެސް ގެއަކުން މީހުން ބަދަލުކުރަންޖެހިފައި ނުވާ ކަމަށާއި އެހެން ނަމަވެސް ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުން ވެފައިވާ ކަމަށް ސިމާއު ވިދާޅުވިއެވެ.

ތިން ރަށުގެ ކައުންސިލާއި އެމްއެންޑީއެފް ގުޅިގެން ފެން ހިންދުމާއި، ވެލި ބަސްތާ ޖެހުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ސިމާއު ވިދާޅުވީ ހުއްޓާނުލާ ވާރޭ ވެހޭނަމަ ހާލަތު އިތުރަށް ގޯސްވާނެ ކަމަށާއި އެހެން ނަމަވެސް މިވަގުތަށް ވާރޭވެހުން ހުއްޓާލާފައިވާ ކަމަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ދެކުނާއި ހުޅަނގުދެކުނުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށަ ލަފާކޮށްފައި ވާއިރު އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެކަމަށް ބެލެވެއެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!