މިއީ އެއްމާބަނޑު ދެބެއިންނެއް ނޫން، ދެމައިން!

ފޮޓޯއިން ތިޔަ ފެންނަނީ އެއްމާބަނޑު ދެބެއިން ކަމުގައި ހީވިޔަސް، އެއީ ދެބެއިންނެއް ނޫނެވެ. އެމެރިކާއަށް ނިސްބަތްވާ ޑޯން ހަބްޝާ އާއި ޗާރ ހަބްޝާ އަކީ ދެމައިންނެވެ.

މިތަނުން މަންމައަކީ ޑޯން އެވެ. 60 އަހަރުގެ ޑޯން އަކީ ލިޔުންތެރިއެކެވެ. އޭނާގެ އަންހެން ދަރިފުޅު ޗާރ އަކީ ޓީވީ ތަރިއެކެވެ. ދެމައިންގެ އުމުރުގައި 30 އަހަރުގެ ފަރަގެއް ހުއްޓަސް، ބަލާބެލުމަށް ހީވަނީ އެއް އުމުރަކަށްދާ ޒުވާން ދެބެއިން ހެނެވެ.

‘ޑެއިލީ މެއިލް’ އާ ވާހަކަ ދައްކަމުން 30 އަހަރުގެ ޗާރ ބުނިގޮތުގައި، މަންމައާ ވައްތަރު ކަމުން އޭނާގެ ފިރިމީހާއަށް ވެސް ބައެއް ފަހަރު އޮޅޭ ކަމަށެވެ. “އެއްފަހަރަކު އަހަންނާ މަންމައާ އެކީ ބޭރުގަ ހުއްޓާ އަހަރެންގެ ފިރިމީހާ އައިސް މަންމަގެ ގައިގަ އަތްލީ އަހަރެން ކަމަށް ހީކޮށް”، ޗާރ ކިޔައިދިނެވެ.

މީގެ އިތުރުން އޭނާ ބުނި ގޮތުގައި، ގިނަ މީހުން ހީކުރަނީ އެއީ ދެބެއިން ކަމަށެވެ. އަދި އެއްފަހަރަކު މަންމަގެ ރައްޓެސަކަށް ވެސް އޮޅުނު ކަމަށާއި، ޑޯން ކަމަށް ހީކޮށް ޗާރ އާ ވާހަކަ ދެއްކި ކަމަށް ބުންޏެވެ.

“އަހަންނާއި އަހަރެންގެ މަންމަ ވައްތަރު ވާން ފެށީ އަހަރެން ފުރާވަރަށް އެޅިފަހުން. އުމުރުން 15 އަހަރުގަ މީހުން ކިޔަން ފަށައިފި މަންމައާ ވަރަށް ވައްތަރޭ. އެކަމަކު އޭރު އަހަންނަށް އެހާ ކަމުނުދޭ އެގޮތެއް. ދެން ފަހުން އަހަރެން ބޮޑުވަމުން އައި ވަރަކަށް މާ ބޮޑަށް މަންމައާ ވައްތަރުވީމަ މިކަން މަޖާ ކަމަކަށް ވީ”، ޗާރ ބުނި ގޮތުގައި އޭގެފަހުން އޭނައާއި މަންމަގެ އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށެވެ. އަދި އެއީ “ބެސްޓު ފްރެންޑުން” ކަމަށްވެސް ބުންޏެވެ.

ޗާރ ކުޑައިރު މަންމައާ އެކީ ނަގާފައިވާ ފޮޓޯއެއް. ދެމައިން ވައްތަރުވާން ފެށީ ޗާރ ފުރާވަރަށް އެޅިފަހުން.

“އަހަރެންގެ ހުރިހާ ކަމެއްގަ މަންމަ ބައިވެރިވާނެ”، ޗާރ ހިއްސާކުރިއެވެ.

މި ދެމައިން ވަނީ އެމީހުންގެ ހަޔާތާ ބެހޭގޮތުން ފޮތެއް ވެސް ލިޔެފައެވެ. “އަ ބޮންޑް ދެޓް ލާސްޓްސް ފޯއެވާ” ގެ ނަމުގައި ލިޔުނު ފޮތުގައި ކިޔައިދެނީ ދެމައިންގެ އޮތް ގުޅުމުގެ ވާހަކައެވެ.

ޑޯން ބުނި ގޮތުގައި، މީހުން އޭނާ ދަރިފުޅާ ވައްތަރޭ ކިޔާތީ ވަރަށް އުފާވެއެވެ. އަދި ގިނަ މީހުން ބަލާފައި ޑޯންގެ އުމުރު ކަމަށް ލަފާ ކުރަނީ ވެސް 30 އަހަރު ކަމަށްވާތީ ވަރަށް ހިތްހަމަޖެހޭ ކަމަށް ބުންޏެވެ. މީގެ އިތުރުން ޑޯން ބުނީ، ފަހުގެ ފެޝަން އާ އެއްގޮތަށް ހެދުން އެޅުމުގައި އެހީވެދެނީ ވެސް ދަރިފުޅު ޗާރ ކަމަށެވެ.

ޑޯން އާއި ޗާރ އަށް ވަނީ ޓީއެލްސީ ޗެނަލުން ދައްކާ ރިއަލިޓީ ޝޯއަކުން ވެސް ފުރުސަތު ލިބިފައެވެ. “ސްމަދާޑް” ނަމަކަށް ކިޔާ މި ޝޯގައި ދައްކުވައިދެނީ ދެމައިންގެ އޮންނަ ގާތް ގުޅުމުގައި ހިނގާ ކަންތައްތަކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!