ހައްލަކީ ބޭކިންގ ސޯޑާ، ޖީބާއްލުއި ފަސޭހަ ގޮތެއް!

ބޭކިން ސޯޑާ ނުވަތަ ބައިކާބަނޭޓް ސޯޑާއަކީ ބަދިގެތެރޭގައި ތަފާތު ކާތަކެތި ތައްޔާރުކުރުމަށް ގެންގުޅޭ ވަރަށް އާއްމު އެއްޗެކެވެ. އެހެން ނަމަވެސް މިއީ ކާތަކެތި ތައްޔާރުކުރުމުގެ އިތުރުން ވަރަށް ގިން އެހެން ކަންކަމުގައިވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ. މިއަދު މިބަލާލަނީ ބޭކިންގް ސޯޑާ ބޭނުންކޮއްގެން ބަދިގެއާއި ގޭތެރޭގައި ދިމާވާ ބައެއް އުދަނގޫ ހާލަތްތަކުން އަރައިގަނެވޭނެ ގޮތްތަކަކަށެވެ.

  • މޭވާ އާއި ތަރުކާރީ ސާފުކޮށް ދޮވެލުމަށް

މިއީ އަބަދުވެސް އަހަރެމެން ކުރާ އެހެން ނަމަވެސް މިދުވަސްކޮޅު ހާއްސަ ސަމާލުކަމެއް ދީގެން ކުރާކަމެކެވެ. ގެއަށް ގެނެވޭ މޭވާއާއި ތަރުކާރީއިން ޖަރާސީމާއި ވައިރަސްތަށް ފިލުވާލުމަށް ފެންތަށީގެ ތެރެއަށް އެއްސަމުސާ ބޭކިން ސޯޑާ އަޅާށެވެ. އަދި އެފެންގަނޑުގައި އެތަކެތި ދޮވެލާށެވެ.

  • ރަގްސް އަދި ކާރޕެޓް ސާފުކޮއްލުމަށް

ބައެއް ފަހަރަށް ސާފުކުރި ނަމަވެސް ކާރޕެޓްގެ ބައެއް ހިސާބުތަކުގައި ނުބައި ވަސްހިފާ ހަޑިވެފައިހުރެއެވެ. ހޫނުފެން ފޮދަކަށް ބޭކިންގް ސޯޑާ ކޮޅެއް އަޅާލުމަށްފަހު ރޭގަނޑު ނިދުމުގެ ކުރިން ކާޕެޓްގައި ހަޑިވެފައި ހުރި ތަންތަނަށް އަޅާލާށެވެ. ހެނދުނު ހޭލާފައި ވެކިއުމް ކުލީނާއިން ސާފުކޮއްލާށެވެ. ހަޑިތަށް ފިލާ ވަސްކެޑޭނެއެވެ.

  • ޓައިލްސް އަދި ފާހާނާ ސާފުކުރުމަށް

ބޭކިން ސޯޑާއި ހުންނަ ލޮނުގެ ސަބަބުން ޖަރާސީމު ނައްތާލާއިރު ފެނާ އެއްކޮއްލައިގެން އުގުޅާލުމުން ރީއްޗަށް ސާފުވާކަން ފާހަގަކުރެވޭނެއެވެ. މިއީ ސިއްހަތަށްވެސް ރައްކާތެރި ޖީބަށްލުއި ގޮތެކެވެ.

  • ލޮއި އަދި ދަގަނޑުން ހަދާފައި ހުންނަ ތަކެތި ރީތިކޮއްލުން

ގޭގައި ގެންގުޅޭ ސަމްސާ ، އޫ އަދި ލޯވަށިފަދަ ތަކެތި ދުވަސްވުމުން އޭގެ ދަޅަކެޑި ބާވެއެވެ. ކިތަންމެވަރަށް ދޮވުނަސް އޭގައި އެހުންނަ ދަޅަ އަލުން އަބުރާ ގެނައުންވަނީ ނާދިރުކަމަކަށެވެ. ބޭކިން ސޮޑާއިން މީގެ ހައްލުވެސް ހޯދަދީފިއެވެ. ހޫނުފެންފޮދެއްގެ ތެރެއަށް ބޭކިން ސޯޑާ ސަމްސަލެއް އަޅާފައި  އޭގެތެރެގައި އޫ،ސަމްސާ އަދި ލޯވަށިފަދަ ތަކެތި 15 ވަރަކަށް މިނެޓް ބަހައްޓާލާފައި ނަގާށެވެ. އައު އެއްޗެހި ފަދައިން ދަޅަ އަޅާނެއެވެ.  އަވަން އަދި އެހެނިހެން ދަނދަޑު ސާމާނުތަށް ސާފުކޮއްލުމަށްވެސް ބޭކިން ސޮޑާ ފެނަން އެޅުމަށްފަހު ސުޕޮންޖުކޮޅެއް ބޭނުންކޮއްގެން ސާފުކުރެވިދާނެއެވެ.

  • މާގަދައަށް އެދުމުގެ ސަބަބުން ތެލީގެ ފުލުގައި ހިފާފައި ހުންނަ ބައި ސާފުކޮއްލުމަށް

ތެލީގެ ފުލުގައި ހިފުން ނޫނީ އެދުމަކީ ވަރަށް ގިނައިން ދިމާވާކަމެކެވެ. ބައެއް ފަހަރަށް އެފަދަ ހާލަތުގައި ތެލީގެ ފުލުގައި ހިފާފައި ހުންނަ އެއްޗެހި ނުނެއްޓިގެން ވަރަށްމަސައްކަތްކުރަން ޖެހެއެވެ. މިކަމުގައިވެސް އެންމެ ފަސޭހަގޮތަކީ ތެއްޔަށް ހޫނުފެން އަޅާފައި ބޭކިން ސޯޑާކޮޅެއް އެއްކޮއްލުމަށްފަހު އިރުކޮޅަކު ބެހެއްޓުމެވެ. އޭރުން ސާފުކޮއްލަން ވަރަށް ފަސޭހަވާނެއެވެ.

  • ފެން ތާށިވާ ތަންތަން ރަގަނޅުކޮއްލުމަށް

ސިންކުގައި ނުވަތަ ފާހާނައިގައި ފެން ބޮޑުވެ ފެންހިންދާއިން ފެން ނުދިއުމަކީ ވަރަށް ގިނައިން ކުރިމަތިލާން ޖެހޭ މައްސަލައެކެވެ. ހޫނުފެނަށް ބެކިން ސޯޑާ ސަމްސަލެއް އަޅާލުމަށްފަހު އެއްކޮއްލާފައި ފެންހިންދާ ތަނަށް އަޅާލާށެވެ. އެކަން ހައްލުވާނެވެ.

  • ފާރު ސާފުކުރުމަށް

ވަރަށް ގިނަ ފަހަރަށް ގޭގައި ކުޑަކުދިން އުޅޭނަމަ ފާރުގައި ކުރެހުމާއި ފާރު ހަޑިކުރުމަކީ ކުރިމަތިވާ މައްސަލައެކެވެ. އެހެން ދިމާވާނަމަ ފާރު ސާފުކޮއްލުމަށް ފެންކޮޅަކަށް ބޭކިން ސޯޑާ އަޅާ އެއްކޮއްލައިގެން ސުޕޮންޖު ކޮޅަކުން ސާފުކުރާށެވެ.

މިއިން ކޮންމެ ކަމަކީވެސް އަހަރެމެންނަށް ގޭތެރޭގައި ކުރިމަތިލާންޖެހޭ މައްސަލަތަކެކެވެ. މިފަދަ މައުލޫމާތު އެގިފައި އޮތުމަކީ ޖީބަށްލުއި ފަސެހަ ގޮތެއްކަމުގައި ވެދާނެއެވެ. ތަޖުރިބާ ކޮއްލާށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!