ގާނޫނާ ހިލާފަށް އަމީރު އަމަލު ކުރައްވާނެ ކަމަކަށް ނުދެކެން: ނަޝީދު

ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާފަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އަމަލު ކުރައްވާނެ ކަމަކަށް ނުދެކެން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ދައުލަތުގެ ގެރެންޓީ ދީފައިވާ ފަރާތަކުން ފައިސާ ނުދައްކައިފި ނަމަ ކަން ކުރަންވީ ގޮތް މާލިއްޔަތު ގާނޫނާއި ހަރަދަށް ޒިންމާވާ ގާނޫނާއި މާލިއްޔަތު ގަވާއިދާއި އަދި އުސޫލުން ވަރަށް ސާފުކޮށް ބަޔާން ކުރާ ކަމަށެވެ. އެ ނޫން ގޮތަކަށް މިނިސްޓަރު އަމަލު ކުރައްވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ ރައީސް ޔާމީންގެ ސަރުކާރުން ސޮވަރިން ގެރެންޓީ ދީގެން މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ޓްރެވަލް ސިޔާމް)ގެ ކުންފުންޏަކުން ޗައިނީޒް އެގްޒިމް ބޭންކުން ނެގި 127 މިލިއަން ޑޮލަރުގެ ލޯނާ ގުޅޭ ގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ފިނޭންސް މިނިސްޓަރު އަމީރާއި ސުވާލު ކުރުމަށް ނޯޓިސް ފޮނުވާފައި ވަނިކޮށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!