އަދީބުގެ ބޭސްފަރުވާއާ މެދު އިތުރު ޖަމިއްޔާއަކުން ވެސް ކަންބޮޑުވުން ފާޅުކޮށްފި

ކުރީގެ ނައިބުރައީސް އަޙްމަދު އަދީބަށް ޞިއްޙީ ފަރުވާ ކަށަވަރުކޮށްދިނުމަށް ވޯލްޑް އޯގަނައިޒޭޝަން އަގައިންސް ޓޯޗުއާ (އޯއެމްޓީސީ)އިން ގޮވާލައިފިއެވެ.

ބޭސްފަރުވާގެ ހައްގު އަދީބަށް ކަށަވަރުކޮށްދިނުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ގޮވާލި ގޮވާލުމަށް ތާއީދުކޮށް، އޯއެމްސީޓީން ބުނީ ބޭސްފަރުވާ ފޯރުކޮށްދިނުމަކީ ބަންދުގައި ތިބޭ މީހުނަށްވެސް ލިބިދީފައިވާ ހައްގެއް ކަމަށެވެ.

އެހެންކަމުން، އަދީބަށް ބޭނުންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް އެ ޖަމިއްޔާއިން ވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލައިފަ އެވެ.

އޯއެމްޓީސީ އަކީ އަނިޔާކުރުމާއި، އެނޫންވެސް އިންސާނީ ޙައްޤުތަކާ ޚިލާފު އަމަލުތަކާ ދެކޮޅަށް މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާތަކުގެ އިއްތިހާދެކެވެ. އެވިއުގާގައި ދުނިޔޭގެ އެކި ޤައުމުތަކުން 200 އަށްވުރެ ގިނަ ޖަމްޢިއްޔާ ބައިވެރިވެއެވެ.

އެމްނެސްޓީން ރައީސް ސޯލިހު އަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އަދީބުއަށް ސިއްހީ ގޮތުން ދިމާވެފައިވާ މައްސަލަތަކަކީ ރާއްޖެއިން ފަރުވާ ހޯދޭނެ މައްސަލަތަކެއް ނޫންކަން މީގެ ކުރިންވެސް އޭނާގެ ވަކީލުން ކަރެކްޝަންސްއަށް އަންގާފައިވާ ކަމަށެވެ.

އޭގެ އިތުރުން، މި ސަރުކާރުން އަދީބަށް ބޭސް ފަރުވާކުރުމުގެ ފުރުސަތު ދިނަސް އެއީ ރާއްޖެއިން ހޯދޭނެ ކަންތައްތައް ނޫން ކަމަށާއި ބަންދުގައި ތިބޭ މީހުންނަށް ބޭސްފަރުވާ ދިނުމަކީ ޖަލު އަދި ޕެރޯލްގެ ގާނޫނުގެ ދަށުން ލާޒިމުކުރާ ކަމެއް ކަމަށެވެ. ބޭސްފަރުވާ ފޯރުކޮށް ދިނުމަކީ ދުނިޔޭގެ މުއާހަދާތަކުން ދައުލަތަށް ލާޒިމްކުރާ ކަމެއް ކަމަށް ވެސް އެމްނެސްޓީން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!