ޖޭއެސްސީގެ މެމްބަރު ކަމަށް އުއްމުކުލްޘޫމް އައްޔަންކުރައްވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އާންމުންގެ ތެރެއިން ކަނޑައަޅާ މެންބަރުކަމަށް، އާމިނަތު އުއްމުކުލްޘޫމް މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ޖޭއެސްސީގެ މެންބަރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން، ޖޭއެސްސީގެ މެންބަރުކަމުގެ ހުވައި، އުއްމުކުލްޘޫމް، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވި ކަމަށާއި އުއްމުކުލްޘޫމަށް ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު މަހާޒު އަލީ ޒާހިރު ކަމަށެވެ.

އެ ރަސްމިއްޔާތުގައި ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ، އުއްމުކުލްޘޫމަށް ވަނީ ހަވާލުކުރައްވާފަ އެވެ.

އުއްމުކުލްޘޫމް އެ މަގާމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ. އެގޮތުން އެ މަގާމަށް އޭނާ އައްޔަން ކުރެއްވުމަށް 67 މެމްބަރުން ވޯޓު ދެއްވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!