ސިޔާމްގެ ކުންފުނިން ލޯނު ދައްކައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސޮވަރިން ގެރެންޓީ ދީގެން މީދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު (ސަން ޓްރެވަލް ސިޔާމް)ގެ ކުންފުންޏަކުން ޗައިނީޒް އެގްޒިމް ބޭންކުން ނެގި 127 މިލިއަން ޑޮލަރުގެ ލޯނު ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނީ މި ލޯނުގެ ދަށުން، ޗައިނީޒް އެގްޒިމް ބޭންކަށް ދަރަނި އަދާކުރުމުގައި، ޖަނަވަރީ 2020 ގެ ނިޔަލަށް ދައްކަންޖެހޭ ފައިސާ އޭއެސްއެޗްއިން ދައްކާފައިވާކަން ސޮވްރިން ގެރެންޓީގެ އުސޫލުގެ ދަށުން ހުށަހަޅަންޖެހޭ ރިޕޯޓުގައި ބުނެފައިވާ ކަމަށެވެ.

ނަމަވެސް، 21 ޖުލައި 2020 ގެ ކުރިން، އ އެސްއެޗް އިން އެގްޒިމް ބޭންކަށް ދައްކަންޖެހޭ ލޯނުގެ ޕްރިންސިޕަލް، އިންޓަރެސްޓް އަދި އެހެނިހެން ފީ އަށް ވާ އަދަދު ދައްކާފައި ނުވާތީ، 22 ޖުލައި 2020 ގައި ޗައިނީޒް އެގްޒިމް ބޭންކް އިން ފިނޭންސް މިނިސްޓްރީ އަށް އެކަން އަންގައި ސޮވްރިން ގެރެންޓީ ދޫކުރި ފަރާތުގެ ހައިސިއްޔަތުން، އެ ފައިސާ ދެއްކުމަށް ސަރުކާރަށް އަންގާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

“ހަވާލާ ދީފައިވާ އެންގުމާ އެއްގޮތަށް ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާ ފައިސާގެ އިންތިޒާމް އޭއެސްއެޗްއިން ހަމަޖައްސައި، އެފައިސާ އެސްކްރޯ އެކައުންޓަށް އެފަރާތުން ޖަމާކުރުމުން، އެސްކްރޯ އެޖެންޓް މެދުވެރިކޮށް އެފައިސާ ވަނީ 6 އޮގަސްޓް 2020 ގައި ޗައިނީޒް އެގްޒިމް ބޭންކަށް ދައްކާފައެވެ،” ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ސިޔާމް ކުންފުންޏަށް ކުރީގެ ސަރުކާރުން ސޮވެރިން ގެރެންޓީ ދޫކޮށްފައިވަނީ އެކަމަށް ހެދުނު އުސޫލުގެ ދަށުން ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

މި ސަރުކާރުން ސޮވްރިން ގެރަންޓީ ދޫކުރާނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން، ރައްޔިތުންގެ މަސްލަހަތު ހިމެނޭ ބޮޑެތި މަޝްރޫއުތައް ހިންގާ ކުންފުނިތަކުން ނަގާ ލޯނުތަކުގެ ތެރެއިން ކޮންމެހެން ސޮވްރިން ގެރަންޓީ ބޭނުންވާ ލޯނުތަކަށް އެކަނި ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ. ދަރަނި އަދާކުރުމުގައި، އެ މިނިސްޓްރީން އަބަދުވެސް އިސްކަން ދޭނީ ދިވެހި ދައުލަތް ސޮވްރިން ޑިފޯލްޓްއަކަށް ނުދާނެ ގޮތަށް ކަންކަން ތަރުތީބު ކުރުމަށް ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

އެ ލޯނަށް މިހާތަނަށް ދައްކަންޖެހޭ ފައިސާ ދައްކާފައިމިވަނީ، އެކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާ ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުން ނޯޓިސް ފޮނުވާފައިވަނިކޮށެވެ.

ސިޔާމަކީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ އެންމެ އަރިސް އެއް ބޭފުޅާ އެވެ. ނަމަވެސް 2018 އިގެ އިންތިހާބުގައި ސިޔާމް އާއި އޭނާގެ އެމްޑީއޭއިން އެއްވެސް ކެންޑިޑޭޓަކަށް ރަސްމީކޮށް ތާއީދު ކޮށްފައެއް ނުވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!