އޮމަދޫ މީހާގެ ދެވަނަ ސާމްޕަލް ނެގެޓިވް

އދ. އޮމަދޫން މާލެ ގެނައި ބަލި މީހާގެ ދެވަނަ ސާމްޕަލް ކޮވިޑް-19 އަށް ނެގެޓިވް ވެއްޖެ އެވެ.

އޮމަދޫ ކައުންސިލް ރައީސް އަދުނާން އަބްދުﷲ ވިދާޅުވީ އެމީހާގެ ދެވަނަ ސާމްޕަލް ނެގެޓިވް ވެފައިވާކަން އެޗްޕީއޭއިން މިހާރު އަންގާފައިވާ ކަމަށެވެ. އެހެން ކަމުން އެއީ ފޯލްސް ޕޮޒިޓިވް އެއް ކަމަށް ވެސް ނިންމާފައިވާ ކަމަށެވެ.

އަދުނާން ވިދާޅުވީ އުމުރުން 50 އަހަރުގެ އެ އަންހެން މީހާގެ ފުރަތަމަ ނަތީޖާ ޕޮޒިޓިވް ކަމަށް ބުނުމުން ކޮންޓެކްޓް ޓްރޭސިންގެ މަަސައްކަތް ނިމެންދެން ޒަރޫރީ ބޭނުމެއް ނެތި ރަށުން ބޭރަށް ދިޔުމާއި ރަށަށް މީހުން ނާރަން އިލްތިމާސް ކުރި ކަމަށެވެ. ނަމަވެސް ދެވަނަ ނަތީޖާ ނެގެޓިވް ވުމުން އެ ފިޔަވަޅުތަކަށް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

އޮމަދޫން މާލެ ގެނައި މީހާއަކީ ނޭވާ ހިއްލުމުގެ ބަލި ހުންނަ މީހެކެވެ. އެ މީހާ ވޭތުވެދިޔަ ދުވަސްތަކުގައި އެއްވެސް ރަށަކަށް ޒިޔާރަތް ކޮށްފައިނުވާ ކަމަށާއި އަދި ދަތުރުކޮށްފައިވާ މީހަކާއި ބައްދަލުވެފައިވާ މީހެއް ނޫން ކަމަށްވެސް އަދުނާން ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރަށް އަދުނާން ވިދާޅުވީ ކައުންސިލުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީފައިވީ ނަމަވެސް ޒަރޫރީ ބޭނުމެއް ނެތި ބޭރުތެރެއަށް ނުނުކުތުމަށާއި ބޭރަށް ނިކުތަސް މާސްކް އަޅައިގެން ނޫނީ ނުނުކުތުމަށް އަންގާފައިވާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!