ކުރިއަށް އޮތް 6 މަހު ވަރަށް ދަތިވާނެ: މިނިސްޓަރު

ކުރިއަށް އޮތް ހަ މަހާއި އަށް މަސް ދުވަހު ރާއްޖެއަށް ވަރަށް ދަތިވެގެން ދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް (ފައްޔަ) ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު މިހާރު މި އޮތީ ވަރަށް އުނދަގޫ ހާލަތަކަށް ގޮސްފައި ކަމަށެވެ. ކޮވިޑް-19 އާ ކުރިމަތި ނުވާއިރު ރާއްޖެއިން އަންދާޒާ ކުރީ އިގްތިސޯދު 7.5 ޕަސެންޓަށް ކުރިއަރާނެ ކަމަަށެވެ. ނަމަވެސް މިހާރު ބެލެވެނީ މައިނަސް 11 ޕަސެންޓް ދަށްވާނެ ކަމަށެވެ.

“މިހާރު އެންމެ ބޮޑު ގޮންޖެހުމަކީ ކޮވިޑް-19 އަށްވާ ގޮތެއް ހަގީގަތުގައި ނޭނގުން. އަޅުގަނޑުމެންގެ މޭޖާ މާކެޓުގައި ބަލި ފެތުރެމުން ދަނީ. ރާއްޖޭގައި ވެސް އެބަދޭ. އެހެންވީމަ، ވެކްސިނެއް ލިބެންދެން ދަތިކޮށް އޮތް ކަމަށް މި ފެންނަނީ. ބޯޑަރު ބަންދުކޮށް ލޮކްޑައުން ކުރުމުން އެތައް ވިޔަފާރިތަކެއް ވަނީ ބަނގުރޫޓު ވެގެން ގޮސްފައި” ފައްޔާޒު ވިދާޅުވި އެވެ.

” އެއްވަނަ ދުނިޔޭގެ ގައުމުތަކުގައި ވެސް ތިންވަނަ ދުނިޔޭގައި ވެސް. އެހެންވީމަ އަލުން މީހުން ޗުއްޓީ ކުރުމަށް ފަށާނީ ކޮންއިރަކު ތޯ؟ މީހުންނަށް ވަޒީފާތައް ލިބިގެން! ގަބޫލު ކުރެވޭ ގޮތުގައި ކުރިއަށް އޮތް ހައެއް ނޫނީ އަށް މަސް ވަރަށް ދަތި ވާނެ،” މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި 2019 ގައި ރާއްޖޭގެ އިގްތިސޯދު އޮތް ހާލަތަށް އަނބުރާ ދެވޭނެ ކަމަށް ލަފާ ކުރެވެނީ 2022 ގަ އެވެ. އަދި ވިދާޅުވީ މިކަން ދިމާވެފައިވަނީ ހަމައެކަނި ރާއްޖެއަކުން ނޫން ކަމުން ޑޮލަރު ލިބުމާއި އެހެން ކަންކަން ވެސް ބަންދުވެފައިވާ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ދުރު ރާސްތާއަކަށް ވިސްނައިފިނަމަ އާ ވިސްނުންތަކަކާއެކު އިޤްތިޞާދު އަނެއްކާވެސް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވޭނެކަމަށެވެ. އެގޮތުން ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ އިޤްތިޞާދު ޑައިވާސިފައި ނުވަތަ އިޤްތިޞާދު މިހާރަށްވުރެ ފުޅާކޮށް، ފަތުރުވެރިކަމަށް ބަރޯސާވާ މިންވަރު ކުޑަކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“ޓޫރިޒަމަށް ބަރޯސާވާ މިންވަރު ދަށްކޮށް އެހެން އިތުރު ސިނާއަތްތައް ފުޅާކުރުމުން ދުރު ރާސްތާގައި ރާއްޖެއަށް ބޮޑެތި ފައިދާތަކެއްކުރާނެ. ރައީސް އުފައްދާފައިވާ ނެޝަނަލް ޓާސްކް ފޯސް އޮން އިކޮނޮމިކް ރިސެލިއަންސްއިންވެސް ދަނީ މިކަމަށް މަސައްކަތްތަކެއްކުރަމުން” މިނިސްޓަރު ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!