ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ އިޤްތިޞާދު ފުޅާކުރުމަށް: މިނިސްޓަރު

އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ އިޤްތިޞާދު ފުޅާކުރުމުގެ މަސައްކަތް ކުރުމަށްކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު މިހާރު މި އޮތީ ވަރަށް އުނދަގޫ ހާލަތަކަށް ގޮސްފައި ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރ ވިދާޅުވީ ކޯވިޑްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަމަށެވެ. އަދި ކުރު ރާސްތާގައި ވަރަށް ބޮޑު ތަކްލީފްތަކަކާއި ކުރިމަތިލާންޖެހޭއިރު، މެދު ރާސްތާގައިވެސް ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށެވެ. ނަމަވެސް ދުރު ރާސްތާއަކަށް ވިސްނައިފިނަމަ އާ ވިސްނުންތަކަކާއެކު އިޤްތިޞާދު އަނެއްކާވެސް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވޭނެކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެގޮތުން ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ އިޤްތިޞާދު ޑައިވާސިފައި ނުވަތަ އިޤްތިޞާދު މިހާރަށްވުރެ ފުޅާކޮށް، ފަތުރުވެރިކަމަށް ބަރޯސާވާ މިންވަރު ކުޑަކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

” ޓޫރިޒަމަށް ބަރޯސާވާ މިންވަރު ދަށްކޮށް އެހެން އިތުރު ސިނާއަތްތައް ފުޅާކުރުމުން ދުރު ރާސްތާގައި ރާއްޖެއަށް ބޮޑެތި ފައިދާތަކެއްކުރާނެ. ރައީސް އުފައްދާފައިވާ ނެޝަނަލް ޓާސްކް ފޯސް އޮން އިކޮނޮމިކް ރިސެލިއަންސްއިންވެސް ދަނީ މިކަމަށް މަސައްކަތްތަކެއްކުރަމުން” މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޒް ވިދާޅުވީ އިޤްތިޞާދު ހަމައަކަށް އެޅުވުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން، އިޤްތިޞާދު ފުޅާކުރުމާއެކު، ޚާއްސަ ކަންތައްތަކަކަށް އިސްކަން ދެއްވައިގެން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ.

“އިޤްތިޞާދު ޑައިވާސިފައިކުރުން، ޤާނޫނުތަކާއި ސިޔާސަތުތަކަށް ބަދަލު ގެނެސްގެން ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމްކުރުން، އޭގެ އިތުރުން ދިވެހިރާއްޖޭގައި ދިވެހިންގެ ވަޒީފާއާއި ދިވެހިންނަށް ލިބޭ އާމްދަނީ އިތުރުކޮށް، މަތީ ފަންތީގެ ވަޒީފާތަކަށް ދިވެހިން ގެންދިއުން، އަދި ރާއްޖޭގެ މާލީ ސެކްޓަރ އެބަ ވަރުގަދަކުރަންޖެހޭ، ފަސޭހައިން ވިޔަފާރިތަޖަށް ފައިސާ ލިބޭނެ ގޮތްތަކެއް ހޯދަންޖެހޭ. އިޤްތިޞާދު ލާމަރުކަޒީ ކުރަންޖެހޭ” މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޒް ވިދާޅުވީ ރާއްޖެއިން މިހާރު ކުރިމަތިލާފައިވަނީ ދުވަހަކުވެސް ރާއްޖެއިން މީގެކުރިން ކުރިމަތިނުލާވަރުގެ އިޤްތިޞާދީގޮތުން ދަތި ދުވަސްތަކަކާކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!