ފޮޓޯ: މިހާރު

2 ކޯޓަކަށް ފަނޑިޔާރުން ހޯދަން އިއުލާންކޮށްފި

ހައިކޯޓަށް ފަނޑިޔާރަކާއި، ކްރިމިނަލް ކޯޓަށް ގާޒިއަކު ހޯދަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީކަމަށް ކުރިމަތިލާ ފަރާތުގެ ހުންނަ ޖެހޭ ޝަރުުތުތަކުގެ ތެރޭގައި ފަނޑިޔާރު ކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެކަމުގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި، އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލު ކޮށްފައިވުން ހިމެނެއެވެ.

ފަނޑިޔާރު ކަމަށް ކުރިމަތިލާ މީހާގެ ޝަރުތުތަކުގެ ތެރޭގައި ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ. މުސާރަ އާއި އެލަވަންސްއާ އެއްކޮށް ކްރިމިނަލް ކޯޓުގެ ގާޒީއަކަށް 48،300 ރުފިޔާ ލިބޭނެ ކަމަށް ޖޭއެސްސީގެ އިއުލާނުގައި ބުނެއެވެ.

ހައިކޯޓުގެފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަމުގައި ނުވަތަ އެ ދެ ކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. ހައިކޯޓުގެ ފަނޑިޔާރަކަށް މުސާރަ އަދި އިނާޔަތް ހިމެނޭ ގޮތަށް 54،300 ރުފިޔާ ލިބޭނެއެވެ.

ފަނޑިޔާރު ކަމަށް ކުރިމަތިލާ ފަރާތްތަކުން އޮގަސްޓު މަހުގެ 16 ވަނަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފަނޑިޔާރު ކަމަށް އެދި ހުށަހަޅާ ފޯމާއި ލިޔުންތައް ޖޭއެސްސީ އަށް އީމެއިލް ކުރުމަށް ވަނީ އެދިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!