އިރުގެ އަލިން ވިޓަމިން ޑީ ހޯދަންޖެހޭ ގޮތަކީ ކޮބާ؟

ހަށިގަނޑަށް ބޭނުންވާ ވިޓަމިން ޑީ ނުލިބުމަކީ ސިއްޙީ މައްސަލަތަކަށް މަގުފަހިކުރުވާ ކަމެކެވެ. ދިފާޢީ ނިޒާމު ވަރުގަދަ ކުރުމަށް ވިޓަމިން ޑީ ވަރަށް މުހިއްމު ދައުރެއް އަދާކުރެއެވެ. ވިޓަމިން ޑީ ހޯދެން އޮތް އެންމެ ފަސޭހަ ގޮތަކީ، އިރުގެ އަލިންނެވެ. ސަޕްލްމެންޓްސް ބަރާބަރަށް ކެއުމަކީ އުނދަގޫ ކަމަކަށް ވާނަމަ، ވިޓަމިން ޑީ ހިމެނޭ ކާނާގެ ބާވަތްތައް ކެއުމުގައި ހިމެނުމުގެ އިތުރުން އަތްވަށް ނުކުމެލުމަކީ ރަނގަޅު ކަމެކެވެ.

ނަމަވެސް އަވީގައި މާ ގިނައިރު ހުރެއްޖެ ނަމަ، ހަމުގެ ކެންސަރާއި މި ނޫންވެސް ހަންގަނޑުގެ މައްސަލަތަކާ ކުރިމަތިވެއެވެ. އެހެންކަމުން ދެން އުފެދޭ ސުވާލަކީ، އިރުގެ އަލިން ވިޓަމިން ޑީ ހޯދަން އެންމެ އެކަށީގެންވާ ގޮތަކީ ކޮބައިތޯއެވެ.

ވަގުތު

ވިޓަމިން ޑީ ހޯދުމަށް އަތްވަށް ނުކުންނަން އޮންނަ އެންމެ ރަނގަޅު ވަގުތަކީ ހެނދުނު 10 އަކުން ފެށިގެން މެންދުރުފަހު 3 އާ ދޭތެރެއެވެ. އެއީ މިވަގުތަކީ އިރުގެ ދޯދިތައް އެންމެ ބާރުގަދަކޮށް ހުންނަ ވަގުތަށް ވާތީއެވެ. އަދި ހަށިގަނޑުގައި ވިޓަމިން ޑީ އެންމެ ގަދަޔަށް އުފެދޭ ވަގުތަކީ އެއީ ކަމަށް ސިއްޙީ މާހިރުން ބުނެއެވެ. ހަމައެހެންމެ، އެ ނޫން ވަގުތުތަކުގައި އަތްވަށް ނުކުތުމުން ކެންސަރަށް މަގުފަހިވުން މާ ގާތް ކަމަށް ބުނެވެއެވެ.

އަވީގައި ޖައްސަންވީ ހަށިގަނޑުގެ ކޮން ތަނެއް؟

މޫނު (ޙާއްސަކޮށް ލޯ) ފިޔަވައި އެހެން ހުރިހާ ތަނެއްވެސް ޖެއްސިދާނެއެވެ.

ކިހާ އިރެއް ވަންދެން އަވީގައި ހުންނަން ޖެހޭ؟

‘ވިޓަމިން ޑީ ކައުންސިލު’ން ބުނާ ގޮތުގައި، ހަމުގެ ކުލަ އަލި މީހުން ވިޓަމިން ޑީ ހޯދުމަށް އަވީގައި ހުންނަން ޖެހޭނީ 15 މިނެޓު ވަންދެނެވެ. އެ ނޫން މީހުން މަދުވެގެން 1 ގަޑި އިރު ހުންނަން ޖެހޭ ކަމަށްވެސް ބުނެއެވެ. ނަމަވެސް ކޮންމެދުވަހަކު އަތްވަށް ނުނިކުތަސް، މަދުވެގެން ހަފްތާއަކު ދެތިން ދުވަހު ދިޔުމުން ރަނގަޅު ވާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!