ފިލްމުތަކުން ރޯލު ހޯދުމުގެ ބޭނުމުގައި ފިރިހެނަކާ ނަހަމަ ގުޅުމެއް ނުބާއްވަން: ރަވީނާ

ރަވީނާ ޓަންޑަން އަކީ 1990 އިން ފެށިގެން 2000 ގެ ކުރީކޮޅާ ހަމައަށް ބޮލީވުޑުގައި ވަރަށް ވިދައިލި ބަތަލާއެކެވެ. އަދި 90 ގެ މަޤްބޫލު އެކްޓްރެސުންގެ ތެރޭގައި ރަވީނާ ހިމެނެއެވެ. ނަމަވެސް އެ ކާމިޔާބީގެ ފަހަތުގައި ވަނީ ބުރަ މަސައްކަތާއި ކެތްތެރިކަން ކަމަށް ރަވީނާ ބުނެއެވެ.

ދާދިފަހުން ‘ޕިންކްވިލާ’ އަށް ދިން ޙާއްސަ އިންޓަވިއުއެއްގައި ރަވީނާ ވަނީ އޭނާގެ ފިލްމީ ކެރިއަރަށް އަލިއަޅުވާލައިފައެވެ. އެގޮތުން 45 އަހަރުގެ ތަރި ބުނި ގޮތުގައި، 90 ގެ ދުވަސްވަރަކީ އަންހެން ތަރިން ބޮލީވުޑުގައި މަޝްހޫރުކަން ހޯދުމަށްޓަކައި ނުފޫޒުގަދަ ފިރިހެނުންނާ ނަހަމަ ގުޅުންތައް ބޭއްވުން ވަރަށް އާއްމުވެފައި އޮތް ދުވަސްވަރެކެވެ. “އެކަމަކު އަހަރެން ނޯންނާނެ އެއްވެސް މީހަކާ އެކަހަލަ ގުޅުމެއް ބާއްވާފަ. އަދި އޭރުގެ އެކްޓަރުންގެ ތައްޕާހަކުން ވެސް ނޫޅެން. އަހަރެން އުޅުނީ އަހަރެން އަމިއްލައަށް”.

މީގެ އިތުރުން ރަވީނާ ބުނީ، އޭނާ ފިލްމީ ދާއިރާއަށް ނެރެދިން “ގޯޑްފާދާ” އެއްވެސް ނުހުންނާނެ ކަމަށާއި، އޭރުގައި ބޭއްވި ކޭމްޕުތަކުގައި ވެސް ބައިވެރި ނުވާ ކަމަށެވެ. އަދި ފިލްމުތަކުން ޖާގަ ހޯދުމުގެ ބޭނުމުގައި ފިރިހެން އެކްޓަރުން ހިތް ރުއްސުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރާ ކަމަށްވެސް ބުންޏެވެ. “އެހެން ބައެއް ތަރިން ތިބޭނެ ހީރޯގެ ބަހަށް ހެވިފަ، ހީރޯ ބުނީމަ އިށީނދެ ނޫނީ ތެދުވެ. އެއީ ހައްތާވެސް އެމީހުންނާ ގުޅިލައިގެން މަޝްހޫރުކަން ހޯދަން އޭރު ކުރާ ކަންކަން. އެކަމަކު އަހަރެން އުޅުނީ ވަކިން”، ރަވީނާ ކިޔައިދިނެވެ.

ނަތީޖާއެއްގެ ގޮތުން ރަވީނާއަކީ ވަރަށް ފޮނި ބޮޑާ މީހެއްގެ ގޮތުގައި ނަން ވެގެން ދިޔަ ކަމަށް ބުންޏެވެ. “އޭރު ނޫސްވެރިންވެސް އަހަންނޭ ކިޔައިގެން ވަރަށް ފާޑުފާޑުގެ އެއްޗެހި ލިޔާނެ. ޙާއްސަކޮށް އަންހެން ނޫސްވެރިން ތިބޭނެ އަހަންނާ ޖައްސާލައިގެން، އަހަރެންގެ އަގު ވައްޓައިލަން ވެގެން”، ރަވީނާ ހާމަކުރިއެވެ.

މި ހުރިހާ ކަމަކާ އެކުވެސް، ރަވީނާ ވެގެން ދިޔައީ ވަރަށް ކާމިޔާބު ތަރިއަކަށެވެ. އެގޮތުން ރަވީނާ ވަނީ އޭނާގެ ކެރިއަރުގައި ވަރަށް ފާހަގަކޮށްލެވޭ ފިލްމުތަކެއް ކުޅެފައެވެ. އޭގެތެރޭގައި “ދިލްވާލޭ”، “ލާޑްލާ” އަދި “އަންދާޒް އަޕްނާ އަޕްނާ” ހިމެނެއެވެ. ހިންދީ ސިނަމާގެ އެންމެ “އައިކޮނިކް” އެއް ފިލްމު ކަމަށްވާ ކަރަން ޖޯހަރްގެ “ކުޗް ކުޗް ހޯތާ ހޭ” (1998) ގެ ދެވަނަ ލީޑް ރޯލު ފުރަތަމަ ހުށަހެޅީ ރަވީނާ އަށެވެ. ނަމަވެސް އޭނާ އެ ފިލްމު ދޫކޮށްލީއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!