ދައުރުވަމުންދަނީ މިނިސްޓަރ އަމީންގެ ކޮޓަރިކޮޅުގެ ފޮޓޯތަކެއް ނޫން: މިނިސްޓްރީ

ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން އެމިނިސްޓްރީގއި ބޭނުންކުރައްވާ ކޮޓަރިކޮޅުކަމަށްބުނެ ދައުރުކުރާ ފޮޓޯތަކުން ފެންނަނީ އެކޮޓަރިކޮޅު ނޫންކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީނުގެ ކޮޓަރިކޮޅުގެ ކުރެހުންތަކެއްކަމަށްބުނެ ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކާ ގުޅިގެން ހެލްތު މިނިސްޓްރީން ވިދާޅުވީ، އެފޮޓޯތަކުން ފެންނަނީ އެމިނިސްޓްރީގެ ކޮންފަރެންސް ރޫމްކަމަށެވެ. އެ ކޮންފަރެންސް ރޫމްގައި މިނިސްޓްރީގެ އިވެންޓްތައް ބޭއްވުމުގެ އިތުރުން އެހެނިހެން ފަރާތްތަކުގެ އިވެންޓްތައް ބޭއްވުމަށް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.

އަދި އެތަން ކުއްޔަށް ދޫކޮށްގެން ލިބޭ ފައިސާ ޚަރަދުކުރުމަށް ނިންމާފައިވަނީ ޢާންމު ސިއްޙަތުގެ ދާއިރާއިން މަސައްކަތްކުރުމަށް ކަމަށާ، އެފައިސާ ހެލްތު ފަންޑަށް ޖަމާކުރުމަށް ނިންމާފައިވާކަމަށްވެސް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

ހެލްތު މިނިސްޓަރުގެ ކޮޓަރިކޮޅުކަމަށް ބުނެ ދައުރުވާ ފޮޓޯތަކުން ފެންނަ ހެލްތު މިނިސްޓްރީގެ ކޮނަފަރެންސް ރޫމަށް ނަންދީފައިވަނީ “މޫމިނާ ޙަލީމް މާލަމް”ގެ ނަމުންނެވެ. އެއީ ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ހެލްތު މިނިސްޓަރަށް ނިސްބަތްކުރައްވައެވެ.

މިކޮންފަރެންސް ރޫމް ހެދުމުގެ ބޭނުމަކީ ހެލްތު މިނިސްޓްރީއަކީ ގިނަ އިވެންޓްތަކެއް ބާއްވާ ތަނަކަށްވެފައި، އެފަދަ އިވެންޓްތައް އެމިނިސްޓްރީން ބޭއްވުމަށް ބޮޑެތި ޚަރަދުތަކެއް ކުރަންޖެހޭތީ، އެޚަރަދުތައް ކުޑަކުރުމުގެ ބޭނުމުގައިކަމަށްވެސް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!