އެޑްމިޓްކޮށްގެން ފަރުވާދެމުންދާ މީހުންގެ އަދަދު 110ކަށް އަރައިފި

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 110 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ހެލްތު އިމަަޖންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު ފަސް މީހަކު ވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ.

މިހާރު އެޑްމިޓް ކޮށްފައިވާ މީހުންގެ ތެރެއިން އަށް މީހަކަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައެވެ.

ރާއްޖެ އިން މިއަދު ވެސް އިތުރު 148 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 4594 އަށް އަރާފައެވެ. 2706 މީހަކު މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ. ބަލި ޖެހިފައި މިހާރު ތިބީ 1869 މީހުންނެވެ.

ހަލުވިކަމާއި އެކު މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރެމުން ދާއިރު މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ހުރީ 268 އެނދެއެވެ. އެއީ ހުޅުމާލޭގައި ހުރި ކޮވިޑް މެޑިކަލް ފެސިލިޓީގައި 250 އެނދު އަދި ދަރުމަވަންތަ ހޮސްޕިޓަލްގައި 18 އެނދެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 19 މީހަކު މިހާތަނަށް ވަނީ ނިޔާވެފައެވެ.

ފަހަކަށް އައިސް ރާއްޖެއ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރު ވާން ފެށުމުން މާސްކް އެޅުން މަޖުބޫރުކޮށް، ރޭގަނޑު 22:00 އިން ފަތިހު 05:00 އަށް ވަނީ ކާފިއު ހިންގަން ފަށާފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!