އާ ކޮންފަރެންސް ރޫމާއެކު އިވެންޓުތައް ބޭއްވުމަށް ހޭދަވާ ހަރަދުތައް ބޮޑުތަނުން ކުޑަވާނެ: މިނިސްޓްރީ

އާ ކޮންފަރެންސް ރޫމާއެކު އިވެންޓުތައް ބޭއްވުމަށް ހޭދަވާ ހަރަދުތައް ބޮޑުތަނުން ކުޑަވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި މިއަދު ވަނީ ހެލްތު މިނިސްޓްރީގެ އާ ކޮންފަރެންސް ރޫމްގެ ފޮޓޯތައް އާންމުވެފައެވެ. މި ފޮޓޯތަކާއެކު ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި އަންނަނީ ތަފާތު އެކި ގޮތްގޮތަށް ވާހަކަދައްކަވަމުންނެވެ.

އެކަމާ ގުޅިގެން ހެލްތު މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ފާތިމަތު ޝޫބާ ވިދާޅުވީ ހެލްތު މިނިސްޓްރީގައި ހަދާފައިވާ ކޮންފަރެންސް ރޫމްގައި މިނިސްޓްރީގެ އިވެންޓުތައް ބޭއްވުމުގެ އިތުރުން އެހެނިހެން ފަރާތްތަކުގެ އިވެންޓުތައް ބޭއްވުމަށް ކުއްޔަށް ދޫކުރެވޭނެ ކަމަށެވެ.

“މިގޮތަށް ކުއްޔަށް ދީގެން ލިބޭ ފައިސާ ޕަބްލިކް ހެލްތުގެ މަސައްކަތްތައް ކުރުމަށް ހެލްތު ފަންޑަށް ޖަމާކުރެވޭނެ” ޝޫބާ ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީ ހިންގާ އިމާރާތުގެ 9 ވަނަ ފަންގިފިލާގައި ހުންނަ މި ކޮންފަރެންސް ރޫމްގެ ނަމަކީ “މޫމިނާ ހަލީމް މާލަން” އެވެ. އެއީ ރާއްޖޭގެ ފުރަތަމަ އަންހެން ހެލްތު މިނިސްޓަށް ނިސްބަތްކޮށް ދީފައިވާ ނަމެކެވެ.

މި ކޮންފަރެންސް ރޫމް ހެދުމުގެ ބޭނުމަކީ ހެލްތު މިނިސްޓްރީ އަކީ ގިނަ އިވެންޓުތަކެއް ބާއްވާ ތަނަކަށް ވެފައި، މިފަދަ އިވެންޓުތައް މިނިސްޓްރީން ބޭރުގައި ބޭއްވުމަށް ބޮޑެތި ހަރަދުތަކެއް ކުރަންޖެހޭތީ، އެގޮތަށް ކުރާ ހަރަދުތައް ކުޑަ ކުރުމުގެ ގޮތުން ކަމަށްވެސް ޝޫބާ ވިދާޅުވިއެވެ.

އަދި މި ތަނަކީ 2019 ވަނަ އަހަރު ހަދަން ފެށި ތަނެއް ކަމަށާއި މި ތަނަށް ހަރަދުވި ފައިސާގެ އަދަދު ފަހުން ހާމަކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!