ފޮޓޯ: މިހާރު

މާސްކު ނާޅާ އުޅުނު 19 މީހަކު ޖޫރިމަނާކޮށްފި

މަގުމަތީގައި މާސްކު ނާޅާ އުޅުނު 120 މީހަކަށް ނަސޭހަތްދީ، 19 މީހަކު ޖޫރިމަނާ ކޮށްފިއެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ އިއްޔެގެ ހަވީރު 6 އިން މިއަދު ހަވީރު 6 ގެ ނިޔަލަށް މާސްކު ނާޅައި އުޅުނު 120 ފަރާތަކަށް ނަސޭހަތްދީ 19 ފަރާތެއް ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

އެގޮތުން މިހާތަނަށް މާސްކު ނާޅައި އުޅުނު 986 ފަރާތަކަށް ނަސޭހަތްދީ 151 ފަރާތެއް ޖޫރިމަނާ ކުރެވިފައިވާ ކަމަށް އެޗްއީއޯސީން ބުނެއެވެ. އަދި ކާފިއުގެ ވަގުތުގައި ގައިޑްލައިނާ ހިލާފުވި 140 ފަރާތަކަށް ނަސޭހަތް ދީފައިވާ ކަމަށްވެސް އެޗްއީއޯސީން ބުނެއެވެ.

މާލެ ސަރަހައްދުގައި ބޭރު ތެރޭގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރުކޮށްފައިވާއިރު، މާސްކު ނާޅައި އުޅޭ ފަރާތްތައް 1،000 ރުފިޔާ އިން ޖޫރިމަނާ ކުރަން ވަނީ ފަށާފައެވެ.

މާސްކު އެޅުން މަޖުބޫރުކޮށްފައިވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށްވާއިރު، އެޗްޕީއޭ އިން ބުނީ އާންމު ތަންތަނުގައި މާސްކު އަޅާއިރު އަނގައާއި ނޭފަތް އަދި ދަތްދޮޅި ނިވާވާން ވާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!