އިންޑިއާ ފަތުރުވެރިން އަންނަން ބޭނުމީ ރާއްޖެ

ކޮވިޑް-19 ކޮންޓްރޯލްވެ، އިންޑިއާގެ ބޯޑަރުތައް ހުޅުވާލުމާއެކު، އިންޑިއާ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ބަޔަކު ޗުއްޓީއަށް އަންނަން ބޭނުންވަނީ ރާއްޖެއަށް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

މަޝްހޫރު ޓްރެވަލް-ޓެކް ކުންފުނި “ޕިކްޔޯޓްރެއިލް” އިން ކުރި ދިރާސާގައި 2،500 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނަ މީހުން ބޭނުން ވަނީ އިންޑިއާ އިން ބޭރަށް ޗުއްޓީއަކަށް ދާނަމަ ރާއްޖެދާށެވެ.

އިންޑިއާގައި ބަލި ފެތުރޭ މިންވަރު އަދިވެސް އިތުރުވަމުންދިޔަ ނަމަވެސް، ސާވޭގެ ބައިވެރިންގެ ދެ ބައި ކުޅަ އެއް ބަޔަށް ވުރެ ގިނަ މީހުން އުއްމީދު ކުރަނީ މިއަހަރުގެ ޑިސެމްބަރު މަސް ނިމުމުގެ ކުރިން ޗުއްޓީއަށް ދެވޭނެ ކަމަށެވެ.

އަދި ރައްކާތެރިކަމުގެ ގޮތުން ޗުއްޓީއަށް ތަންތަނަށް ދިއުމުގައި ސީދާ ދަތުރުތައް ކުރެވޭނެ ފްލައިޓުތައް ހިޔާރު ކުރުމާއި، އަމިއްލައަށް ކާރުގައި ދުއްވާފައި ދެވޭނެ ފަދަ މަންޒިލްތަކަށް ދިޔުމަށް ގިނަ ބަޔަކު އިސްކަން ދެއެވެ.

އިންޑިއާއަކީ ރާއްޖޭގެ ޓޫރިޒަމަށް ވަރަށް މުހިއްމު މާކެޓެކެވެ. އެގޮތުން، މިދިއަ އަހަރު 160،000 އަށް ވުރެ ގިނަ އިންޑިއާ ޓޫރިސްޓުން ރާއްޖޭގައި ޗުއްޓީ ހޭދަ ކޮށްފައިވާއިރު، އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 83 ޕަސަންޓުގެ އިތުރު ވުމެކެވެ.

މިދިއަ މަހުގެ 15 ވަނަ ދުވަހު ޓޫރިސްޓުންނަށް ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާފައިވާއިރު، އިންޑިއާއާއެކު ވައިގެ ދަތުރުފަތުރުގެ ހާއްސަ އިންތިޒާމެއް ހަމަޖައްސަން ދިވެހި ސަރުކާރުން ވަނީ ރަސްމީކޮށް އެދިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!