ސްރީ ލަންކާގެ ޢާންމު އިންތިޚާބުގެ ވޯޓުލައިފި

ސްރީ ލަންކާގެ ޢާންމު އިންތިޚާބުގެ ވޯޓުލައިފިއެވެ.

އެކާވީސް މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީ ލަންކާގެ ޢާންމު އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ އެ ޤައުމުގެ ގަޑިން ހެނދުނު 7 ޖެހިއިރުއެވެ. ކޯވިޑް-19ން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކާއެކު ބޭއްވި އިންތިޚާބުގައި 12،885 ވޯޓުލާ މަރުކަޒުވަނީ ސްރީ ލަންކާގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކޮށްފައެވެ. ޢާންމު އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު 16 މިލިއަން މީހުންނަށްވަނީ ލިބިފައެވެ.

ވޯޓުލާން އެންމެ ފުރަތަމަ ހުޅުވާލުމުން ގިނަ ޢަދަދެއްގެ މީހުން ނުކުމެފައެއް ނުވެއެވެ. ނަމަވެސް މެންދުރުފަހު ވޯޓުލި މީހުންގެ ޢަދަދުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ވޯޓުލާ މަރުކަޒުތައް ބަންދުކޮށްފައިވަނީ އެ ޤައުމުގެ ގަޑިން 5 ޖެހިއިރުއެވެ.

ވޯޓު ފޮށިތައް ގުނަން ނިންމައިފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނުއެވެ. ޢާންމުންގެ މެދުގައި މަޤުބޫލު އަދި ސްރީ ލަންކާގެ އެންމެ ނުފޫޒުގަދަ ރާޖަޕަކްސަ ޢާއިލާއަށް އިންތިޚާބުގައި ބޮޑު ތާޢީދެއް ލިބޭނެކަމަށް ބެލެވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!