ބެއިރޫތު ގޮވުން: 300000 މީހުންގެ ގެދޮރު ގެއްލިއްޖެ

ލުބުނާނުގެ ވެރިރަށް ބައިރޫތުގައި ބަޑިބޭސް ރައްކާކޮށްފައިހުރި ގުދަނެއްގައި ބާރުގަދަ ގޮވުންތަކެއް ގޮވުމުގެ ސަބަބުން 300،000 މީހުންގެ ގެދޮރު ގެއްލިފައިވާކަމަށް އެ ސިޓީގެ ގަވަރުނަރު ވިދާޅުވެއްޖެއެވެ.

ބައިރޫތުގެ މައި ބަނދަރު އޮންނަ ސަރަޙައްދުގައި ހިނގި ޙާދިޘާގެ ސަބަބުން މިހާތަނަށް 100އަށްވުރެ ގިނަ މީހުން މަރުވެ 4،000އަށްވުރެ ގިނަ މީހުންވަނީ ޒަޚަމްވެފައެވެ. ގިނަ ޢަދަދެއްގެ މީހުން ވީނުވީއެއް ނޭނގި ގެއްލުމުގެ އިތުރުން ގިނަ ބަޔަކު ތިބީ އިމަރާތްތަކުގައި ނުނިކުމެވި ތާށިވެފައެވެ. ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ ތެރޭގައި ގުދަނުގައި ރޯވި ބިޔަ އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތުގައި އުޅުނު އަލިފާން ނިވާ 10 މީހުންވެސް ހިމެނެއެވެ. އެ ހާދިޘާގައި މަރުވި މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވާނެކަމަށް ބެލެވޭކަމަށް އެ ޤައުމުންވަނީ ބުނެފައެވެ.

ބައިރޫތުގެ ގަވަރުނަރު މަރުވާން ޢައްބޫދު ވިދާޅުވީ ގޮވުންތަކުގެ ސަބަބުން އެ ސިޓީގެ 50 އިންސައްތައަށް ބޮޑެތި މާއްދީ ގެއްލުންތަކެއް ލިބިފައިވާކަމަށެވެ. އަދި ގެދޮރު ގެއްލުމުގެ ސަބަބުން ޙާލުގައި ޖެހިފައިވާ އެތައް ހާސް މީހުންނަށް ކާބޯތަކެއްޗާއި ހިޔާވަހިކަން ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންކަމަށް ޢައްބޫދު ވިދާޅުވިއެވެ. އޭނާ އަންދާޒާކުރައްވާގޮތުގައި އެ ހާދިޘާގެ ސަބަބުން 5 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ބައިރޫތަށްވަނީ ލިބިފައެވެ.

ބޭރު ޤައުމުތަކުން އެތެރެ ކުރާ މުދަލުގެ މައްޗަށް ވަރަށް ބޮޑަށް ބަރޯސާވާ ލުބުނާނުގެ ޙާލަތު އޮތީ ކޯވިޑް-19ގެ ސަބަބުން ވަރަށް ބޮޑަށް ގޯސްވެފައެވެ. ބައިރޫތުގެ މައި ބަނދަރު ހުންނަ ސަރަޙައްދުގައި ހިނގި ޙާދިޘާގެ ސަބަބުން އިޤްތިޞާދީ ކާރިޘާއަކާ ކުރިމަތިލަމުންދާ ލުބުނާނުގެ އިޤްތިޞާދަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހޭނެއެވެ. އެހެން ޤައުމުތަކުގެ އެހީތެރިކަމަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާކަމަށް ވިދާޅުވެ ލުބުނާނުގެ ރައީސް މިޝެލް އައުންވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުން އެ ޤައުމަށް އަވަހަށް އެހީވުމަށް ގޮވައިލައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!