ބައިރޫތު ހާދިސާއަކީ ގަސްތުގައި ދިން ހަމަލާއެއް: ޓްރަމްޕް

ލުބުނާނުގެ ވެރިރަށް ބައިރޫތުގައި ރޭ ބާރުގަދަ ގޮވުންތައް ގޮވި ހާދިސާއަކީ ބަޔަކު ގަސްތުގައި ދިން ހަމަލާއެއްކަމަށް ބެލެވޭ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަންޕް ވިދާޅުވެއްޖެއެވެ.

ބައިރޫތުގެ މައި ބަނދަރާ ކައިރި ހިސާބެއްގައި ގޮވި ގޮވުންތަކާއި ގުޅިގެން މިހާތަނަށް 100 ވުރެ ގިނަ މީހުން މަރުވެ 4000 ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. އަދި ހޮސްޕިޓަލްގައި އެމެރޖެންސީ ހާލަތުގައި 200 ވުރެ ގިނަ މީހުންނަށް ފަރުވާ އަންނަނީ ދެމުންނެވެ.

އެމޯނިއަމް ނައިޓްރޭޓުގެ 2،750 ޓަނު ރައްކާކޮށްފައިވާ ގުދަން ގޮވުމާ އެކު މުޅި އެ ސަރަހައްދުގެ އިމާރާތްތައް ވެސް ފުނޑުފުނޑުވި އެވެ. ގޮވުމުގެ އަޑު މެޑިޓެރޭނިއަންގެ އިރުމަތީގައި 150 މޭލު ދުރުގައި އޮންނަ ސައިޕްރަސްގެ ނިކޯސިއާއާ ހަމައަށް އިވުނު ކަމަށްވެ އެވެ.

ބޭރު ޤައުމުތަކުން އެތެރެ ކުރާ މުދަލުގެ މައްޗަށް ވަރަށް ބޮޑަށް ބަރޯސާވާ ލުބުނާނުގެ ޙާލަތު އޮތީ ކޯވިޑް-19ގެ ސަބަބުން ވަރަށް ބޮޑަށް ގޯސްވެފައެވެ. ބައިރޫތުގެ މައި ބަނދަރު ހުންނަ ސަރަޙައްދުގައި ހިނގި ޙާދިޘާގެ ސަބަބުން އިޤްތިޞާދީ ކާރިޘާއަކާ ކުރިމަތިލަމުންދާ ލުބުނާނުގެ އިޤްތިޞާދަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހޭނެއެވެ.

ލުބުނާނަށް ކުރިމަތިވެފައިވާ ޚާރިޘާއާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕް ވިދާޅުވީ ބެއިރޫތުގެ ހާދިސާއަކީ ބޮމުގެ ހަމަލާއެއް ކަމަށް އެމެރިކާގެ އަސްކަރީ ބައެއް އިސް އޮފިޝަލުން ޤަބޫލުކުރާ ކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮންނަނީ ގާތްގުޅުމެއްކަމަށާއި އެމެރިކާއިން ލުބުނާނަށް އެހީތެރިވުމަށް ތައްޔާރަށް އޮތްކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!