މާލެއިން ލަފާފުރުމުގައި ވަކި ސަރަހައްދުތަކެއް ކަނޑައަޅައިފި

އަތޮޅުތަކުގެ ތެރެއިން އަންނަ އުޅަނދު ފަހަރު މާލެއަށް ލަފާ ފުރަން ވަކި ސަރަހައްދުތަކެއް ހަމަޖައްސައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ފަރާތުން ކޮވިޑް-19 އަށް ރައްކާތެރިވުމުގެ ގޮތުން އަޅައި ފިޔަވަޅުތަކުގެ ދަށުން ވަކި ސަރަހައްދުތަކުން އެކަނި ލަފާ ފުރޭގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން ކައުންސިލުން ވަނީ ފަސް ސަރަހައްދެއް ކަނޑައަޅާފައެވެ. އެއީ

  1. އަތޮޅުތަކުން މާލެ އަންނަ ދޯނި ފަހަރު ލަފާ ފުރުމުގައި މާލޭގެ ނޯތު ހާބަރާއި ޓީ ޖެޓީ ސަރަހައްދު
  2. އަތޮޅުތަކުން މާލެ އަންނަ އަދި މާލެއިން ފުރާ ސްޕީޑް ލޯންޗު ފަހަރަށް މާލޭގެ އެއް ނަމްބަރު ޖެޓީ (އެމްއެމްއޭ ކުރިމަތި)
  3. އަތޮޅުތަކުން މާލެ އަންނަ މަސްވެރިކަން ކުރާ އުޅަނދުފަހަރާއި އެހެނިހެން އުޅަނދުތަކަށް ހުޅުމާލޭގެ ބަނދަރު
  4. އަތޮޅުތަކުން މާލެ އަންނަ އުޅަނދުފަހަރު ލަފާފުރުމަށް ތިލަފުށި ބަނދަރު
  5. ރިސޯޓުތަކުން މާލެ އަންނަ އަދި މާލެއިން ފުރާ ސްޕީޑް ލޯންޗު ފަހަރަށް މާލޭގެ ފަސް ނަމަބްރު ޖެޓީ އާއި ހަ ނަމްބަރު ޖެޓީ

ކައުންސިލުން ބުނީ، އެޗްޕީއޭ އިން ވަކި ގޮތެއް އަންގަންދެން އަތޮޅުތަކުންނާއި ރިސޯޓުތަކުން މާލެއަށް އައިސް ފުރާ އުޅަނދުތައް އެ އުސޫލަށް އަމަލުކުރަން އެދޭ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އޮތް ހާލަތު ގޯސްވެ ރައްކާތެރިވުމުގެ ގޮތުން މާލެ އިން ރަށްރަށަށް ދިއުން އިއްޔެ ވަނީ މަނާކޮށްފަ އެވެ. އެއްވެސް މީހަކަށް ދިއުމުގެ ހުއްދަ ދެނީ ސިއްހީ އަދި ޒަރޫރީ ބޭނުމެއްގައި މާލެ އައިސްފައިވާ މީހުން އެނބުރި ރަށަށް ދާންޖެހޭ ހާލަތެއްގައި އެކަނި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!