ތ. އަތޮޅުން ފެށިގެން ގއ. އަތޮޅަށް ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ މޫސުން ގޯސްވެ، ތ. އަތޮޅުން ފެށިގެން ގއ. އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނީ، އެ ހަތަރު އަތޮޅަށް މެންދުރު 12:40 އިން ހަވީރު 17:00 ގެ ނިޔަލަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް މެޓުން ބުނެ އެވެ.

ކުރިޔަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓު އޮފީހުން ބުނެފައިވަނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެން ވާކަމަށެވެ.

އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 6 މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށްވެސް މެޓު އޮފީހުން ވަނީ ބުނެފައެވެ.

ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެން ވާކަމަށާއި އުތުރުގެ ކަނޑުތަށް ގަދަވެފައި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަ ވެފައި ވިލާގަނޑުގައި އިތުރަށް ގަދަ ވާނެ ކަމަށްވެސް މެޓު އޮފީހުން ވަނީ ބުނެފައެވެ.

މެޓު އޮފީހުން ބުނީ ރާޅުގެ އުސްމިން ހުންނާނީ ދެކުނުގައި 6 – 3 ފޫޓާއި ދެމެދުގައި ކަމަށާއި ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނުގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެން ވާކަމަށްވެސް މެޓު އޮފީހުން ވަނީ ބުނެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!