ބެއިރޫތުގެ ހާދިސާއާ ގުޅިގެން ރައީސް ތައުޒިޔާ ފޮނުވައިފި

ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި އިއްޔެ ބާރުގަދަ ގޮވުންތަކާއެކު އައި ހިތާމަވެރި ހާދިސާތަކާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވައިފި އެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ތިބީ ލުބްނާންގެ ރައްޔިތުންނާ އެކުގައި ކަމަށެވެ. އަދި އިއްޔެ ހިނގި ހާދިސާގައި ނިޔާވި މީހުންނާއި، އަނިޔާ ލިބުނު މީހުންގެ ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ވެރިރަށް ބެއިރޫތުގެ ބަނދަރު ސަރަހައްދުގައި ހިނގި ހާދިސާގައި މިހާތަނަށް 78 މީހަކު މަރުވެފައިވާކަމަށް ރިޕޯޓު ކޮށްފައި ވެ އެވެ. އަދި 4000 އަށް ވުރެ ގިނަ މީހުން ޒަހަމްވެ ދަނީ ފަރުވާ ދެމުންނެވެ. މި އަދަދުތައް އިތުރުވާނެ ކަމަށްވެސް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ލަފާކޮށްފަ އެވެ.

ލުބްނާންގެ ބޮޑުވަޒީރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެ ހާދިސާ ހިނގާފައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅާ، ވެއާހައުސް އެއްގައި ރައްކާކޮށްފައި ހުރި 2،750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓްގައި ރޯވެގެންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!