މިވަގުތު ރިމާންޑް ޖަލުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާގެ ކަންކަން ހަމަޖައްސައި ދެއްވުމަށް އެދި އެމްނެސްޓީ އިންޓަނޭޝަނަލް އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިވަޑައިގެންފި އެވެ.
އެމްނެސްޓީއިން ރައީސް ސޯލިހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އަދީބަކީ މީގެ ކުރިން ވެސް އެތަށް ބަލިތަކަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ފަރާތެއް ކަމަށެވެ. އެހެންކަމުން އޭނާއަށް ބޭސްފަރުވާގެ ކަންކަން ހަމަޖައްސައިދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.
އެމްނެސްޓީން ރައީސަށް ފޮނުވި ސިޓީގައި އަދީބަށް ބޭނުންވާ ބައެއް ފަރުވާ ރާއްޖެއިން ލިބެން ނެތްކަންވެސް ވަނީ ފާހަގަ ކޮށްފަ އެވެ. އަދި 2016 ވަނަ އަހަރުން ފެށިގެން އަދީބުގެ ގާނޫނީ ޓީމުން އޭނާއަށް ރާއްޖެއިން ބޭރަށް ގޮސް ފަރުވާ ހޯދޭނެ އިންތިޒާމް ހަމަޖެއްސުމަށް އެދެމުންދިޔަ ނަމަވެސް އެކަމަށް ކަރެކްޝަނުން ހުރަސް އަޅަމުންދާ ކަމަށް ވަނީ ބުނެފައެވެ.
މިފަދަ ކަންކަމަކީ ރާއްޖެ ބައިވެރިވެފައިވާ އިންސާނީ ހައްގުތަކާއި ބެހޭ އެކި މުއާހަދާތަކާއި މުޅިން ހިލާފު ކަންކަން ރައީސް ސޯލިހުގެ ސަމާލުކަމަށް އެ ޖަމާއަތުން ވަނީ ގެނެސްފައެވެ. ރައީސަށް އެމްނެސްޓީން ފޮނުވި ސިޓީގައި އަދީބަށް ދިމާވެފައިވާ ސިއްހީ މައްސަލަތައްވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން ލޮލުގެ ބައްޔެއް ކަމަށްވާ ގްލޮކޮމާ އަދި އެތެރެހަށީގައި ސިސްޓެއް އުފެދިފައިވުމާއި ކިޑްނީގެ މައްސަލަތަކެއްވެސް ދިމާވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
ކޮވިޑްގެ ނުރައްކާބޮޑު މިފަދަ ދުވަސްވަރެއްގައި ފަރުވާއިން މަހުރޫމްކޮށް އަދީބު ޖަލުގައި ނުބޭއްވުމަށްވެސް އެމްނެސްޓީން ވަނީ ރައީސަށް ދަންނަވާފައެވެ.