IruOnline

ރޭ މަރުވި މީހާ ހަފްތާއެެއް ކުރިން ކޮވިޑަށް ޓެސްޓު ކޮށްދޭން އެދުން

ރޭ ކޮވިޑް-19 ބަލީގައި ނިޔާވި އުމުރުން 52 އަހަރުގެ އަންހެން މީހާ ކޮވިޑަށް ޓެސްޓު ކޮށްދިނުމަށް މީގެ ހަފްތާއެއް ކުރިން އެދުމުން ވެސް ޓެސްޓު ކޮށްދީފައި ނުވާ ކަމަށް އާއިލާއިން ބުނެފިއެވެ.

އެ އަންހެން މިހާގެ ކޮއްކޮއަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ އެ ކަން ހިނގައި ދިޔަ ގޮތް ލިޔެފަ އެވެ. އެ ޕޯސްޓް ކުރަން ޖެހުނީ އޭނާގެ ދައްތަގެ މަރާ ގުޅިގެން އާއިލާ މީހުންނާއި އެކުވެރިންނާއި ބައެއް ނޫސްތަކުން ވެސް ހަގީގަތް އޮޅޭ ގޮތަށް ސުވާލު އުފައްދާފައިވާތީ ކަމަށް ލިޔެފައިވެ އެވެ.

މީގެ ހަފްތާ އެއް ކުރިން ދައްތަ ވަރަށް ގަދަ ހުމެއް އައިސްގެން އޭޑީކޭއަށް ދެއްކުމުން ޔޫރިން އިންފެކްޝަނެއް ކަމައް ބުނެ އެންޓިބަޔޮޓިކް ދީފައި ގެޔައް ފޮނުވާލީ ކަމަށް ކޮއްކޮ ލިޔެފައިވެ އެވެ. ގެއަށް ފޮނުވާލީ ކޮވިޑަށް ޓެސްޓް ކޮށްދޭން އެ ހޮސްޕިޓަލުގައި އެދުމުން ވެސް އެ ކަން ކޮށްނުދީ ކަމަށް ޕޯސްޓުގައިވެ އެވެ.

“ދައްތައަކީ ހައި ރިސްކް މީހެއްކަން އެންމެ ބޮޑަށް އެނގޭނީ ވެސް އޭޑީކޭއަށް، ހުން ރަނގަޅު ނުވެ ނޭވާ ލުމަށް ދަތިވެގެން އައިޖީއެމްއެޗްއަށް ގެންދިޔަތާ މާ އިރު ތަކެއް ނުވެ ކޮވިޑަށް ޕޮޒިޓިވް ކަމާއި ވެންޓިލޭޓަރަށް ލާން އުޅެނިކޮށް ވިންދު ނުލިބޭ ކަމާއި ނިޔާ ވުމާއި ދެމެދު މާ ގިނަ ވަގުތެއް ނުނަގާ،” ކޮއްކޮގެ ޕޯސްޓުގައި ލިޔެފައިވެ އެވެ.

އެހެންކަމުން އޭނާގެ ދައްތައަށް ފަރުވާ ނުހޯދާ ކަމައް ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށް އޭނާ ބުންޏެވެ. މި ކަމުގައި ވަކި ބަޔަކަށް އިނގިލި ދިއްކޮށްގެން ދައްތައަށް ކުރާނެ ފައިދާއެއް ނޯންނާނެ ކަމަށް ވެސް ޕޯސްޓުގައި ލިޔެފައިވެ އެވެ. “އިންސާފު ނުލިބޭ ދުނިޔެއެއްގައި” އޭޑީކޭއަށް ވެސް އިނގިލި ދިއްކުރަން އާއިލާއިން ނޭދޭ ކަމަށް އޭނާ ބުންޏެވެ.

މި ކަމާ ގުޅިގެން އޭޑީކޭއިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ރާއްޖޭގައި ކޮވިޑް ބަލީގައި އުމުރުން 52 އަހަރުގެ އަންހެނަކު ނިޔާވެފައި ވާއިރު ހެލްތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެ އަންހެން މީހާ ނިޔާވެފައި ވާނީ ރޭ 11:20 ގައި ކަމަށެވެ. އަދި އޭނާ ނޭވާލާން އުނދަގޫވާތީ އިޔެ ހަވީރު 4:40 ގައި އައިޖީއެމްއެޗުގެ އިމަޖެންސީ ރެސްޕޯންސް (އީއާރު) އަށް ދައްކާފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!