IruOnline

ސިއްޙީ މަރުކަޒެއްގައި ފަށާ ފުރަތަމަ ދަތުގެ ފަރުވާ މާފުށީގައި

ސިއްޙީ މަރުކަޒެއްގައި ފަށާ ފުރަތަމަ ދަތުގެ ފަރުވާގެ ޚިދުމަތް ކ.މާފުށީ ސިއްޙީ މަރުކަޒުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.

ކ.މާފުށީގައި ދަތުގެ ފަރުވާ ފެށުމަށް މިހާރު ކުރިއަށްދަނީ އެކަމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތަކެވެ. މާފުށީގައިވެސް އަދި އަތޮޅުތަކުގެ ސިއްޙީ މަރުކަޒެއްގައި މުޅިން އަލަށް ފަށާ ދަތުގެ ފަރުވާގެ މި ޚިދުމަތާއި ގުޅޭގޮތުން، ޕީއެސްއެމްއަށް މަޢުލޫމާތުދެއްވަމުން މާފުށީ ކައުންސިލުން ވިދާޅުވީ، ފަރުވާ ފެށުމަށް ބޭނުންވާ ހުރިހާ ތައްޔާރީތައް މިހާރު ނިމިފައިވާކަމަށެވެ.

ދަތުގެ ފަރުވާއަކީ ސްޕެޝަލިސްޓް ޚިދުމަތަކަށްވާއިރު އެ ޚިދުމަތަށް ބޭނުންވާ މެޝިންތައް މިހާރު ހެލްތު ސެންޓަރުގައި އިންސްޓޯލްކުރުމުގެ މަސައްކަތްވަނީ ނިންމާލާފައެވެ. އެގޮތުން ޑެންޓަލް ޔުނިޓާއި، ދަތުގެ އެކްސްރޭނަގާ މެޝިން އިންސްޓޯލްކޮށް، އެކަމަށް ބޭނުންވާ ސާމާނު ހޯދާ، ޚިދުމަތް ފެށުމަށް ބޭނުންވާ ހުރިހާ އިންތިޒާމްތައް މިހާރުވަނީ ސެންޓަރުގައި ހަމަޖައްސާ ނިމިފައެވެ. އަދި ޚިދުމަތް ފެށުމަށް ބޭނުންވާ ޑެންޓިސްޓްވެސް ރަށަށް ގޮސްފައިވާކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ.

ޑެންޓިސްޓަކީ މާލެއިން ދަތުރުކުރި ޑޮކްޓަރެއްކަމުން މިވަގުތު ހުރީ ކަރަންޓީންގައިކަމަށާއި، ޑޮކްޓަރު ކަރަންޓީން މުއްދަތު ހަމަވިހާ އަވަހަށް ޚިދުމަތް ފަށާނެކަމަށް ކައުންސިލުން ވިދާޅުވިއެވެ. މާފުށީ ކައުންސިލުން ވިދާޅުވީ އެރަށުގައި ދަތުގެ ފަރުވާ މިމަހު 7 ހިސާބުގައި ފެށޭނެކަމަށް ލަފާކުރެވޭކަމަށެވެ.

މާފުށީ ސިއްޙީ މަރުކަޒަކީ ޚިދުމަތުގެ ގޮތުން ފާހަގަކޮށްލެވޭ ސެންޓަރެކެވެ. އަދި މިހާރުވެސް އެ ސެންޓަރުން ބައެއް ސްޕެޝަލިސްޓް ޚިދުމަތްތައް ލިބެއެވެ. އެގޮތުން ހަމުގެ ޚާއްސަ ޑޮކްޓަރަކާއި، އެތެރެހަށީގެ ޑޮކްޓަރެއްގެ ޚިދުމަތް މާފުށީ ސިއްޙީ މަރުކަޒުން ލިބެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!