IruOnline

މިރޭ ނިޔާވި މީހާ ވަރުގަދަ ހުމެއް ޖެހިގެން އުޅޭކަމެއް އެއްދުވަސް ކުރިން ބުނި

ކޮވިޑް-19 ޖެހިގެން މިރޭ ނިޔާވި އުމުރުން 52 އަހަރުގެ އަންހެން މީހާ މީގެ އެއް ދުވަސް ކުރިން، “ވަރުގަދަ ހުންގަނޑެއް” ޖެހިގެން އުޅޭކަމެއް ބުނެފައިވާ ކަން އެނގިއްޖެއެވެ.

އެނގިފައިވާ ގޮތުން އޭނާ ވަނީ ނިޔާވުމުގެ އެއް ދުވަސް ކުރިން ހުން އައިސްގެން އުޅޭ ވާހަކަ މީސްމީޑިއާގައި ޙިއްސާކޮށްފައެވެ. “ހުރިހާ ގާތްތިމާގެ މީހުންނާއި އެންމެހާ ރަހުމަތްތެރީންނަށް” ޢީދުގެ ތަހުނިޔާ ފޮނުވުމަށް ކުރި އެ ޕޯސްޓުގައި އޭނާ ވަނީ “މާ ވަރުގަދަ ހުންގަނޑެއް ޖެހިގެން” އުޅޭ ކަމަށް ބުނެފައެވެ.

ނަމަވެސް މި އަންހެން މީހާ ހުން އައިސްގެން އުޅޭތާ ކިހާ ދުވަހެއް ވެފައިވާ ކަމަށް ސާފެއް ނުވެއެވެ. އަދި ހުން އައިސްގެން ކުރިން ހޮސްޕިޓަލަށް ދެއްކި ކަމަެއްވެސް ނޭނގެއެވެ.

އެޗްޕީއޭއިން ވިދާޅުވީ، އިއްޔެ ހޮސްޕިޓަލުގެ އިމަޖެންސީއަށް ހަވީރު 4:40 ގައި އެ އަންހެން މީހާ ދިޔައީ ނޭވާލާން އުނދަގޫ ވެގެންނެވެ. އެއާއެކު ފަރުވާދެމުން ދަނިކޮށް އެ އަންހެން މީހާ ނިޔާވެފައި ވަނީ މިރޭ 11:20 ގައި ކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވެފައި ވެއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި މިރޭ ނިޔަވި މި އަންހެން މީހާއަކީ ހިތުގެ ބައްޔެއްވެސް ހުންނަ މީހެކެވެ.

މިރޭ ރާއްޖެއިން އިތުރު މީހަކު ކޮވިޑް-19 ޖެހިގެން ނިޔާވުމާއެކު މި ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 17 އަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ 13 ދިވެއްސަކާއި ހަތަރު ބިދޭސީއެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!