IruOnline

ބޮޑުފިނޮޅުން ކަރަންޓާއި ފެން ކަނޑާލީ ސީލް ކުންފުނިން

ބ. ބޮޑުފިނޮޅުގައި ތިބި ބިދޭސީ މަސައްކަތްތެރިންގެ އިންސާނީ ކަރާމާތަށް ގެއްލުންވާ ގޮތަށް ސީލް މޯލްޑިވްސް އިން އަމަލުކޮށްފައިވާ ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށް މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ އާރުއައިއެކްސް ކުންފުނިން ބުނެފި އެވެ.

އެ ކުންފުނީގެ ގާނޫނީ ވަކީލުންގެ ޓީމު، ލޯކްރާފްޓުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ބޮޑުފިނޮޅުގައި ތިބި ބިދޭސީންނާ ހަވާލުވުމަށް އަންގައި ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ ކަމަށާއި އަދި ލޭބާ ރިލޭޝަންސް އޮތޯރިޓީން ނިންމި ނިންމުން ވެސް ބާތިލުކުރުމަށް ސިވިލް ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. 

ލޭބާ ރިލޭޝަންސް އޮތޯރިޓީން ވަނީ ބޮޑުފިނޮޅުގައި ތިބި ބިދޭސީންނަކީ އާރުއައިއެކްސްގެ ބިދޭސީ މުވައްޒަފުން ކަމަށާއި އެހެންކަމުން އެމީހުންނަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު، މުސާރަ ދިނުމަށް އަންގާއި، އެކަމުގެ ލިޔުން އެ އޮތޯރިޓީއަށް ހުށަހަޅަން އަންގާފަ އެވެ.

ބ. ބޮޑުފިނޮޅުން ކަރަންޓާއި ފެން ކަނޑާލި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދް މޯލްޑިވްސް މެދުވެރިކޮށް ހައްލުކުރުމަށް މަސައްކަތް ކުރަމުންގޮސް މިވަގުތު ބިދޭސީން ރައްކާތެރި މާހައުލަކަށް ބަދަލުކުރެވިފައިވާ ކަމަށްވެސް ބަޔާނުގައި ބުނެއެވެ.

މީގެއިރުތުން ބޮޑުފިނޮޅުން ކަރަންޓާއި ފެން ދުރާލާ ކަނޑާލާނެކަން ސީލް މޯލްޑިވްސްގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް އަންގާފައިވާ ކަމަށެވެ. އަދި އެކަން ފުލުހުންނަށް އެންގިކަން ރިޒް އަށް އެނގުމާއެކު ވަކީލުން އެކަން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހެޅިކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އެހެންކަމުން މިމައްސަލާގައި ކަންހިނގާދިޔަ ގޮތާމެދު ރިޒް ކުންފުނިން އިންތިހާއަށް ކަންބޮޑުވާކަމަށާއި ވަކިން ޚާއްސަކޮށް ފުލުހުންގެ ބެލުމުގެ ދަށުން ސެކިޔުރިޓީ ބަލަހައްޓަމުން ދިޔަ ރަށެއްގައި ހަމަނުޖެހުން ހިނގާފާނެފަދަ ކަމެއް ދުރާލާ މޯލްޑިވްސް ޕޮލިސް ސަރވިސް އަށް އެނގިހުރެ އެކަމަށް ފިޔަވަޅު އަޅާފައިނުވާތީ އެކަން ކުށްވެރިކުރާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އަދި މިމައްސަލާގައި ފުރިހަމަ ތަހްގީގެއް ހިންގުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް ގޮވާލާކަމަށްވެސް މިބަޔާނުގައި ބުނެފައިވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!