IruOnline

މަހޭޝް ޝެޓީ ވެސް ރިއާގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފި

މިދިޔަ ޖޫން މަހުގެ 14 ގައި މުމްބާއީ އެޕާޓުމެންޓުގައި ދަންޖެހިފައި ހުއްޓައި ފެނުނު އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރާ ގުޅިގެން އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ އާ ދެކޮޅަށް ސުޝާންތުގެ ބައްޕަ ފުލުހަށް މައްސަލައެއް ހުށަހަޅާފައި އޮއްވައި، ރިއާގެ މައްޗަށް އިތުރު ތުހުމަތުތަކެއް މަހޭޝް ޝެޓީ ކޮށްފިއެވެ.

ސުޝާންތުގެ އެންމެ ގާތް އެކުވެރިޔާ މަހޭޝް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި ރިއާ ސުޝާންތާ ރައްޓެހިވުމަށްފަހު، ސުޝާންތު 6 މަސް ވަންދެން ގެންގުޅުނު ބޮޑީގާޑަކު ވަޒީފާއިން ވަކިކުރުން ހިމެނެއެވެ. އަދި ރިއާއާއި އޭނާގެ މަންމަ ވެގެން ސުޝާންތާއެކު މަސައްކަތްކުރާ މުޅި ޓީމު ބަދަލުކުރަން އުޅުނު ކަމަށާއި ސުޝާންތު އެކަމާ ހިތްހަމަނުޖެހިގެން އުޅުނު ކަމަށްވެސް މަހޭޝް ފުލުހުންނަށް ދިން ބަޔާނުގައި ކިޔައިދީފައިވާ ކަމަށް ‘ޓައިމްސް ނައު’ އިން ބުނެއެވެ.

މީގެ އިތުރުން ޓީވީ އެކްޓަރު މަހޭޝް ކިޔައިދިން ގޮތުގައި، ސުޝާންތު ކައިރީގައި އޭނާގެ އާއިލާއަށް ގުޅައިގެން ވާހަކަ ދެއްކުމަށް އެދުމުން ޖަވާބުގައި ސުޝާންތު ބުނި ކަމަށްވަނީ، ރިއާ އޮންނަނީ ސުޝާންތު އާއިލާއާ ގުޅުން ބޭއްވުން ވެސް މަނާކޮށްފައެވެ. ހަމައެހެންމެ ސުޝާންތުގެ ފޯނު ވެސް ރިއާ ދިޔައީ ޓްރެކް ކުރަމުން ކަމަށް މަހޭޝް ތުހުމަތުކޮށްފައިވެއެވެ.

ސުޝާންތުގެ ބައްޕަ ކޭކޭ ސިންގް ގެ އެފް.އައި.އާރުގައި ރިއާއަށް ކޮށްފައިވާ ތުހުމަތުތަކުގައި ހިމެނެނީ ނަފްސާނީގޮތުން ސުޝާންތަށް ނުފޫޒު ފޯރުވައިގެން އަމިއްލައަށް މަރުވުމަށް ހިތްވަރުދިނުމާއި، ސުޝާންތުގެ ފައިސާއަށް މަކަރުހެދުން ފަދަ ކަންކަމެވެ. ބިހާރު ފުލުހުން އަންނަނީ މިކަންކަން ތަހުޤީޤު ކުރަމުންނެވެ.

ރިއާ، 28، ގެ ބޮލުގައި މިފަދަ ބޮޑެތި ތުހުމަތުތަކެއް އެޅިފައި އޮތުމުން، އޭނާ ވަނީ ވީޑިއޯ މެދުވެރިކޮށް ބަޔާނެއް އާއްމުކޮށްފައެވެ. އެ ވީޑިއޯގައި ރިއާ ވަނީ ހުރިހާ ތުހުމަތުތަކަކަށް އިންކާރުކޮށްފައެވެ. އަދި ޙަޤީޤަތް އެންމެންނަށް ފާޅުވާނެ ކަމަށް ރިއާ ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!