IruOnline

އިންޑިއާ އަށް އެތެރެވާ އެންމެން 14 ދުވަހު ކަރަންޓީން ވުން މަޖުބޫރު ކުރަނީ

އިންޑިއާ އަށް އެތެރެވާ ކޮންމެ މީހަކު 14 ދުވަހުގެ މުއްދަތައް ކަރަންޓީން ވުން މަޖުބޫރު ކުރުމަށް އިންޑިއާ އިން ނިންމައިފިއެވެ.

އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން ބުރާސްފަތި ދުވަހު ބުނެފައިވަނީ، އިންޑިއާ އަށް ދަތުރު ކުރުމަށް ފްލައިޓަށް އެރުމުގެ ކުރިން، ކޮންމެ ފަސިންޖަރަކުވެސް އިންޑިއާ އަށް އައުމާ އެކު 14 ދުވަހުގެ މުއްދަތައް ކަރަންޓީން ވުމަށް އެއްބަސްވާން ޖެހޭނެ ކަމުގައެވެ.

މި 14 ދުވަހުގެ ތެރޭން ފުރަތަމަ ހަތް ދުވަހު ހުންނަން ޖެހޭނީ އިންޑިއާ ސަރުކާރުން ކަނޑައަޅާ ތަނެއް ގައެވެ. މި ގޮތުން ހުންނަ ހުރުމުގައި ޚަރަދު ހަމަ ޖައްސަން ޖެހޭނީ ފަސިންޖަރަކު އަމިއްލަ އަށް ކަމަށް ވެސް ބުނެފައިވެއެވެ.

ދެވަނަ ހަފްތާގައި އެމީހަކު އެދޭ ތަނެއްގައި ކަރަންޓީންގެ ބާކީ މުއްދަތު ހަމަ ކުރާގޮތައް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މުއްދަތުގެ ތެރޭގައި އެމީހަކު އަމިއްލަ އަށް ސިއްހީ ހާލަތު މޮނިޓަރކުރަން ޖެހޭނެ ކަމަށްވެސް އިންޑިއާ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މި އުސޫލު މިހެން އޮތް ނަމަވެސް ވަރަށް ޚާއްސަ ހާލަތެއްގައި މުޅި ސާދަ ދުވަސް ހޯމް ކަރަންޓީނަށް ދޫކުރެވިދާނެ ކަމަށް ގަވައިދުގައި ބަޔާން ކޮށްފައިވެއެވެ. ނަމަވެސް މި ގޮތައް ދޫކުރާ މީހުން އުޅޭ ނޫޅޭ ގޮތް ދެނެގަތުމަށް ތައްޔާރުކޮށްފައިވާ ޚާއްސަ އެޕްލިކޭޝަނެއް ކަމަށްވާ “އަރޮގްޔާ ސެޓޫ” ޑައުންލޯޑް ކުރަން ޖެހޭނެއެވެ.

އޮގަސްޓް 1 ގައި އިންޑިއާގެ ވައިގެ ބަނދަރުތައް ބައިނަލް އަގްވާމީ ދަތުރުތަކަށް ހުޅުވާލުމަށް ތައްޔާރުވަމުން ދިއުމާއެކު އެ ތާރީޚުގެ ފަހުން ގިނަ އަދަދެއްގެ ބަޔަކު އެކި ގައުމުތަކުން އިންޑިއާ އަށް ދަތުރު ކުރާނެ ކަމަށް ވަނީ ބެލިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!