IruOnline

ނޮޅިވަރަންފަރާއި ވަށަފަރު އަދި ދިއްދޫ ލޮކްޑައުންކޮށްފި

މި މަހުގެ 28 ވަނަ ދުވަހު ހއ. ކެލާ ސަވާރީ ބޯޓުގައި މަސައްކަތް ކުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ހދ. ނޮޅިވަރަންފަރާއި، ހއ. ވަށަފަރު އަދި ދިއްދޫގެ ކޮންޓެކްޓް ޓޭރޭސިން ހެދުމަށް އެ ރަށްތައް ލޮކްޑައުންކޮށްފިއެވެ.

މި ތިން ރަށް ލޮކްޑައުންކުރީ ސަވާރީ ބޯޓު މި 3 ރަށަށް ވެސް ބަނދަރުކޮށްފައިވާތީއާއި އެ ބޯޓުން މީހުން ދަތުރުކޮށްފައިވާތީ ކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެއެވެ. ސަވާރީ ބޯޓުން ދަތުރުކުރި މީހަކު މި މަހުގެ 28 ވަނަ ދުވަހު ޕޮޒިޓިވްވެފައިވާ އިރު އޭނާއި ކޮންޓެކްޓްވި އިތުރު 9 މީހަކު ވަނީ ކެލައިން ޕޮޒިޓިވްވެފައެވެ.

މި ބޯޓް ހއ. ކެލާއަށް ގޮސްފައިވަނީ މާލޭގައި ދެ ހަފްތާގައި މަޑުކުރުމަށްފަހު މިމަހުގެ 24 ވަނަ ދުވަހުއެވެ. ބޯޓުން ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ބޯޓްގެ ކެޕްޓަންއެވެ. އަދި އޭނާ މާލެއިން ފުރި އިރުވެސް ބަލީގެ އަލާމާތްތައް ހުރިކަމަށް އެޗްއީއޯސީން ބުނެއެވެ.

މި ކޭސްތަކާއި ގުޅިގެން އިތުރު މީހުން ޓެސްޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ އިރު، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރަމުންނެވެ. ކެލައަކީ ށ. ނަރުދޫ ފިޔަވައި ރާއްޖޭގެ ރަށަކުން އެންމެ ގިނަ އަދަދަ މީހުން ޕޮޒިޓިވްވި ރަށެވެ. ނަރުދޫއިން 11 މީހަކު އަމާޒު ބޯޓު ކްލަސްޓާއާއި ގުޅިގެން ޕޮޒިޓިވްވިއެވެ.

މީގެ އިތުރުން ބ. ކަމަދޫގައި ކަރަންޓީންގައި ހުރި މީހަކު ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓް ވަނީ ޕޮޒިޓިވްވެފައެވެ. މި ވަގުތު މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްތަކަކީ ހއ. ކެލާ، ރ. އިނގުރައިދޫ، ބ. އޭދަފުށި، ޅ. ކުރެންދޫ، ލ. މާފުށި އަދި ބ. ކަމަދޫ ހިމެނެއެވެ. އަދި ބ. ސީސައިޑް ފިނޮޅު ވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!