IruOnline

އާރާއި ބާރާއި މަގާމުން އިންސާފަށް ލޮޅުމެއް ނުގެނެވޭނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފި

އިސްލާމްދީނުގައި އިންސާނީވަންތަކަމުގައި އެއްވެސް ތަފާތު ކުރުމެއްނެތް ކަމަށާއި، އާރާއި ބާރާއި މަގާމުން އިންސާފަށް ލޮޅުމެއް ނުގެނެވޭނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

”ޚުތްބަތުލް ވަދާއުގެ ހިޔާވަހިކަމުގެ ދަށުގައި” މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ އިންސާނުންނަކީ އިންސާނީވަންތަކަމުގައި އެއްމަގާމަކާއި އެއްހައިސިއްޔަތެއް ލިބިގެންވާ އެއް ދަރަޖައިގެ ބައެއް ކަމަށާއި، އިންސާނާ އުފެދުމުގެ އަސްލާއި އިންސާނީ ވަންތަކުގެ ސިފަތަކާއި އިންސާނީ އިހުސާސްތަކަށް ބަލާއިރު އިންސާނިއްޔަތުގެ ތިލަފަތަކީ ހަމަހަމަ ތިލަފަތެއް ކަމަށެވެ.

ޚުތުބާގައި ބުނީ އިންސާނަކަށް ވީތީ، ދޭން ޖެހޭ މަގަމާއި، އިހްތިރާމާއި ރަހްމާއި، ހަމްދަރުދީއާއި އަޅައިލުމާއި، އެހީތެރިކަން ދިނުމުގައި ތަފާތު ކުރުމެއް ނެތް ކަމަށާއި، ގައުމާއި ނަސްލާއި، ގަބީލާއާއި، އާއިލާއަކީ އިންސާނިއްޔަތުގެ ތިލަފަތުގެ ކުރިމަތީގައި އެއްވެސް އަގެއް ބުރަދަނެއް ހުރި އެއްޗެއް ނޫން ކަމަށެވެ.

މީސްތަކުން ކުލައާއި ބުރުސޫރައާއި ޖިންސާއި އުމުރަކީ އެމީހުންގެ މެދުގައި ތަފާތު ކުރެވޭނެ އަސާސެއް ނޫން ކަމަށާއި، އާރާއި ބާރާއި މަގާމާއި، ނުފޫޒާއި މާލާއި ޖާހަކީ އިންސާނީ ހަމަހަމަކަމާއި، އިންސާފަށް ލޮޅުމެއް ގެނެވޭނެ ކަމެއް ނޫން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މިއިން އެނގެނީ އިސްލާމީ ރިސާލަތަކީ އާލަމީ ރިސާލަތެއް ކަމެވެ. މާތްﷲ ރިސާލަތު ބާލައިލެއްވީ ހުރިހާ ގައުމުތަކަށާއި، ހުރިހާ އުއްމަތްތަކެއްގެ ހެވާއި ލާބައަށް ޓަކައެވެ. ﷲ ތައާލާ ވަހީ ކުރައްވާއިފައިވެއެވެ.”އަދި އާލަމްތަކަށް ރަހުމަތެއްކަމުގައި މެނުވީ ތިމަންރަސްކަލާނގެ ކަލޭގެފާނު ނުފޮނުއްވަމެވެ. މާނައީ: އަދި އާލަމްތަކަށް ރަހުމަތެއް ކަމުގައި މެނުވީ ތިމަންރަސްކަލާނގެ، ކަލޭގެފާނު ނުފޮނުއްވަމެވެ” ޚުތުބާގައި ބުނެފައިވެއެވެ.

މުޖުތަމައުގެ ސަލާމަތަށްޓަކައި އަތުކުރި އޮޅާލަންޖެހޭކަން ފާހަގަކޮށް ޚުތުބާގައި ބުނީ އަހަރުމެންގެ ނަފުސުތަކާއި އެހެން މީހުންގެ ނަފްސުތައް ރައްކާތެރި ކުރުމަށް ތެދުވަން ޖެހޭ ކަމަށާއި، އަހަރުމެންގެ ފުށުން އެއްވެސް މީހަކަށް ގޯނާއެއް ގެއްލުމެއް ދީގެން ނުވާނެ ކަމަށެވެ. މުޖްތަމައާއި ވަތަނުގެ ހިމާޔަތުގައި އަތާއި އަތް ގުޅާލުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!