IruOnline

މޮނިޓަރިންގެ ޙާލަތު އުވާލަންދެން ދިއްދޫގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލައިފި

ހއ.ދިއްދޫ މޮނިޓަރިންގެ ހާލަތުގައި އޮތުމާއެކު އެރަށުގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ވަގުތީގޮތުން ހުއްޓާލާފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

ދިއްދޫ މޮނިޓަރިންގެ ޙާލަތަށް ގެނެސްފައިވަނީ ހއ.ކެލާ ސަވާރީބޯޓްގެ ފަޅުވެރިންތަކަކަށް ކޯވިޑް-19 ޖެހިފައިވާއިރު، އެ ބޯޓުގެ ފަޅުވެރިންނާއި ދިއްދޫގެ ވަރަށްގިނަ މީހުންނާ ދިމާވެފައިވާތީއެވެ.

ދިއްދޫ ކައުންސިލުން ވިދާޅުވީ ސަވާރީ ބޯޓްގެ ފަޅުވެރިންނާއި ދިމާވި މީހުން ހޯދުމަށް ކުރިޔަށް ގެންދާ ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް ނިމެންދެން، މިރޭގެ (31 ޖުލައި 2020) ފަތިސް ނަމާދުންފެށިގެން އެރަށުގެ މިސްކިތްތަކުގައި ޢީދު ނަމާދާއި ހުކުރުނަމާދާއި ފަރުޟު ނަމާދުތައް، ޖަމާޢަތުގައި ކުރުން ވަގުތީގޮތުން ހުއްޓާލާފައިވާކަމަށެވެ. އަދި ކެލާ ސަވާރީ ބޯޓުގެ ފަޅުވެރިންނާއި ބައްދަލުވެފައިވާ ނަމަ އެމީހަކު އަމިއްލައަށް ހޯމް ކަރަންޓީންވުމަށްވެސް އެރަށު ކައުންސިލުންވަނީ އެދިފައެވެ.

ދިއްދޫ ކައުންސިލުން މިކަމާ ގުޅިގެން ނެރުނު އިއުލާނުގައި ވަނީ ދިއްދޫގެ މޮނިޓަރިންގ ހާލަތު ނިމެންދެން، މިދުވަސްވަރު ގެއިން ބޭރަށް ނުކުންނަނަމަ މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުމާއި، އެއްވެސް ބާވަތެއްގެ އެއްވުންތަކާއި ކުޅިވަރު ޙަރަކާތްތައް ނުބޭއްވުމަށް އަންގާފައެވެ. އަދި ގިނަގިނައިން އަތްދޮވުމާއި ޟަރޫރީ ހާލަތެއްގައި މެނުވީ އެއްވެސް ވަގުތެއްގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ގެއިން ބޭރަށް ނުދިއުމާއި ފިނިމައިޒާންތަކާއި ޖޯލިފަތިތަކަށް އެއްވެ ނުތިބުމަށްވެސް އަންގާފައެވެ.

މީގެ އިތުރުން އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުތައް ބަހައްޓައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށްވެސް އެ ކައުންސިލުން ވަނީ އެދިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!