IruOnline

ތިން ބެއިން ވެގެން ބައްޕަ މަރައިލީ އަހަރުތަކެއް ވަންދެން ކުރިއަށްދިޔަ އަނިޔާތަކަށް ކެތްނުކުރެވިގެން!

މީގެ ދެ އަހަރު ކުރިން، 2018 ގެ ޖުލައި މަހު ތިން ބެއިން ވެގެން ބައްޕަ މަރައިލުމުން އެމީހުންގެ މައްޗަށް މީހަކު މަރައިލި ކަމުގެ ދައުވާ އުފުލިއްޖެއެވެ.

ރަޝިއާގެ ވެރިރަށް މޮސްކޯގައި ހިނގި މި ހާދިސާގައި މަރުވެފައިވަނީ މީކާއިލް ޚަޗަތުރްޔާން ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ ތިން އަންހެން ދަރިން ކަމަށްވާ ކްރެސްޓީނާ، 19، އެންޖެލީނާ، 18 އަދި މާރިއާ، 17 ވެގެން ބައްޕަ މަރައިލީ، އެކުދިންނަށް ޖިންސީ ގޮތުންނާއި، ޖިސްމާނީ ގޮތުން އަދި ނަފްސާނީ ގޮތުން ކުރަމުންދިޔަ އަނިޔާތަކަށް ކެތް ނުކުރެވިގެން ކަމަށް އެމީހުންގެ ޤާނޫނީ ވަކީލާ ހަވާލާދީ ސީއެންއެން ގައި ރިޕޯޓުކޮށްފައިވެއެވެ.

އެގޮތުން ހާދިސާ ހިނގި ދުވަހު މީކާއީލް ގެއަށް އައީ ނަފްސާނީ ޑޮކްޓަރަކަށް ދެއްކުމަށް ފަހުގައެވެ. އަދި ގެއަށް އައި އިރު އެމީހުން ދިރިއުޅޭ އެޕާޓުމަންޓު ހަޑިކޮށް އޮތުމުން ތިން އަންހެން ދަރިން ގެނެސްގެން އެކަމުގެ އަދަބެއްގެ ގޮތުން ތިން މީހުންގެ މޫނަށް ޕެޕާ ސްޕްރޭ ޖަހާފައިވާ ކަމަށް މައްސަލަ ތަހުގީގުކުރި ޓީމުން ބުނެއެވެ. އޭގެތެރެއިން ދޮށްޓަށް ހުރި ކްރެސްޓީނާ އަކީ ނޭވާހިތްލާ ބަލި (އެސްތްމާ) ހުންނަ މީހެއް ކަމުން ޕެޕާ ސްޕްރޭގެ ސަބަބުން އޭނާ ވަނީ ހޭނެތިގެން ވެއްޓިފައެވެ.

ތިން ބެއިން ބައްޕައާއެކު ކުރިން ނަގާފައިވާ ފޮޓޯއެއް

ބައްޕަ މަރައިލަން އެމީހުން ނިންމީ އެކަން ހިނގި ފަހުން ހަމަ އެރެއެވެ. އެގޮތުން މީކާއިލް ނިދާފައި އޮއްވައި ތިންބެއިން ވެގެން އޭނާއަށް މަރުތޭލަކުންނާއި، ވަޅިން އަދި އެދުވަހު އެކުދިންގެ ގަޔަށް ޖެހި ޕެޕާ ސްޕްރޭ ފުޅިން ހަމާލާދީ މަރައިލިއެވެ. އެއަށްފަހު ތިންބެއިން އަމިއްލަ ނަފްސަށް އަނިޔާދީ ޒަހަމްކުރުމަށްފަހު ފުލުހުންނަށް ގުޅާފައި ބުނީ ބައްޕަ ހަމަލާދޭން އުޅުމުން އަމިއްލަ ދިފާއުގައި އަނބުރާ ބައްޕައަށް ހަމަލާދިނީ ކަމަށެވެ. ހަމައެހެންމެ އެމްބިއުލެންސަކަށް ގުޅީވެސް ތިންބެއިން ވެގެންނެވެ.

ނަމަވެސް އޭގެ އަނެއް ދުވަހު ފުލުހުން އެ ތިން ކުދިން ހައްޔަރު ކުރުމުން ވަނީ ކުރި ކުށަށް އިޢުތިރާފް ވެފައެވެ. ހަމައެހެންމެ، އެމީހުން އެކަން ކުރީ އަހަރުތަކެއް ވަންދެން ބައްޕަގެ ކިބައިން ކުރިމަތިވި އަނިޔާތަކުން ސަލާމަތް ވާން ކަމަށް ބުނެފައިވާ ކަމަށް އެކުދިންގެ ވަކީލާއި ރަޝިއާގެ ޕްރޮސެކިއުޓާ ޖެނެރަލާ ހަވާލާދީ ސީއެންއެން ގައި ލިޔެފައިވެއެވެ.

އެއަށްފަހު މިދިޔަ ހޫނު މޫސުމުގައި ޙަޗަތުރްޔާން ތިން ބެއިންގެ މައްޗަށް ވަނީ ދުރާލައި ރާވައިގެން މީހަކު މަރައިލި ކަމުގެ ދައުވާ އުފުލައިފައެވެ. ތިން ބެއިން ކޯޓަށް ހާޒިރުކުރުން އޮތީ ހުކުރު ދުވަހެވެ. ނަމަވެސް އެފަދައިން ދައުވާ އުފުލުމުން، އިންސާނީ ހައްޤުތަކަށް ރަޝިއާގައި މަސައްކަތްކުރާ އެކްޓިވިސްޓުން އަންނަނީ އެއީ ނާއިންސާފުން ކޮށްފައިވާ ކަމެއް ކަމަށްބުނެ އަޑުއުފުލަމުންނެވެ. ސަބަބަކީ، އެ ތިން ބެއިންނަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ ބަޔަކަށް ވީތީއެވެ.

އެގޮތުން ގެވެށި އަނިޔާގެ ތަޖުރިބާކާރުންނާއި، ތިން ބެއިންގެ ދިފާޢީ ޓީމުން ފާހަގަކުރި ގޮތުގައި، ރަޝިއާގެ ކޯޓު ސިސްޓަމް އޮންނަ ގޮތުންނަމަ ގެވެށި އަނިޔާގެ ޝިކާރާއަށްވާ މީހުންނަށް މާބޮޑު ރައްކާތެރި ކަމެއް ނޯންނާތީ ތިން ބެއިން އަޅާނުލައި ހުރިނަމަ އެކުދިން ކޮންމެވެސް ދުވަހަކުން އެކުދިންގެ ބައްޕަގެ އަތުން މަރުވީހެވެ. އެހެންކަމުން އެކަމުން ސަލާމަތްވެވެން އޮތް ގޮތަކީ ބައްޕަ މަރައިލުން ކަމަށް ދެކިގެން އެކުދިން އެކަން ކުރީއެވެ.

މީކާއިލްގެ ފޯނުން ހޯދާފައިވާ މެސެޖުތަކެއް ވަނީ ތިންބެއިން ވަކީލުންގެ ތެރެއިން އެކެއްގެ ފޭސްބުކުގައި ހިއްސާކޮށްފައެވެ. އެގޮތުން އޭގައި ވަނީ މީކާއިލް ކުރިން ފެށިގެން އޭނާގެ ދަރިންނަށް އެކި އިންޒާރުދީ މެސެޖުކޮށްފައެވެ. އެ އިންޒާރުތަކަކީ އެކުދިން މަރައިލާނެ ކަމަށާއި، އެކުދިންނާއި އެކުދިންގެ މަންމައަށް ޖިންސީ ގޯނާ ކުރާނެ ކަމަށް ބުނެ ކޮށްފައިވާ އިންޒާރުތަކެވެ.

2018 ގެ އޭޕްރީލްގައި މީކާއިލް ފޮނުވާފައިވާ މެސެޖެއްގައި ބުނީ “ތި ކުރާ ހުރިހާ ކަމަކަށްވެސް އަނިޔާ ކުރާނަން” ކަމަށެވެ. ހަމައެހެންމެ، ތިން ބެއިންނާ އެހެން ފިރިހެނަކާ ދެމެދު ޖިންސީ ގޮތުން ގުޅުން އޮންނަ ކަމަށް ޝައްކުކޮށްފައި ވެއެވެ. “ތިއީ ހަށިވިއްކާ ބައެއް، ކަލޭމެން މަރުވާނީ ހަށިވިއްކާ އަންހެނުންގެ ގޮތުގައި” މީކާއިލް ބުނެފައިވެއެވެ.

“އަހަރެމެން ދެކެނީ އެ ތިން ބެއިންނަށް އިތުރު އިޚްތިޔާރެއް ނެތް ކަމަށް. އެކުދިންނާ އާދައިގެ އެހެން ކުދިންނާ އަޅާނުކިޔޭނެ. އެއީ މިކުދިންނަކީ މުޅި އުމުރުގައި ވެސް ނަރަކައެއްގައި އުޅެމުން އައި ބައެއް. އެކަމުގެ ސަބަބުން އެކުދިންނަށް ވަނީ ވަރަށް ސީރިއަސް ނަފްސާނީ މައްސަލަތަކެއް ކުރިމަތިވެފަ. އޭގެތެރޭގަ އެބިއުޒް ސިންޑްރޯމް އާއި ޕޯސްޓް-ޓްރޮމެޓިކް ސްޓްރެސް ޑިސްއޯޑާ ހުރިކަން ފާހަގަކޮށްލެވޭ. ތަހުގީގަށް ހެދި ހުރިހާ ނަފްސާނީ ޓެސްޓަކުން ވެސް މިކަން ވަނީ ސާބިތުވެފަ”، ތިން ބެއިންގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އެލެކްސީ ޕާޝިން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!