IruOnline

ސުޝާންތު ޑިޕްރެޝަނަށް ގޮސްފާނެ ކަމަކަށް ޤަބޫލެއްނުކުރެވޭ: އަންކިތާ

އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތު މި ދުނިޔެ ދޫކުރިތާ މަހަކަށްވުރެ ގިނަދުވަސް ވެފައިވާއިރު، އަދިވެސް އެ މަރާ ގުޅުވައިގެން ދެކެވޭ ވާހަކަތަކަކަށް ނިމުމެއް ނާދެއެވެ. މިހާރު ވަނީ އެ މައްސަލަ އިތުރަށް ހޫނުވެ، ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީއާ ދެކޮޅަށް ސުޝާންތުގެ ބައްޕަ ފުލުހުންނަށް މައްސަލައެއް ހުށަހަޅައިފައެވެ. އަދި މިކަންތައްގަނޑުގެ ތެރެއިން ސުޝާންތުގެ ކުރީގެ ލޯބިވެރިޔާ އަންކިތާ ލޯކަންޑޭ ވަނީ އިންޓަވިއުއެއްގައި އާ ވާހަކަތަކެއް ދައްކައިފައެވެ.

‘ރިޕަބްލިކް ޓީވީ’ އަށް ދިން ޙާއްސަ އިންޓަވިއުއެއްގައި އަންކިތާ ބުނީ ސުޝާންތަކީ ޑިޕްރެޝަނަށް ގޮސްފާނެ މީހެއް ކަމަކަށް ޤަބޫލު ނުކުރެވޭ ކަމަށެވެ. އަދި އޭނާގެ މަރަކީ ސޫސައިޑެއް ކަމަށް އެންމެ 15 މިނެޓު ތެރޭގައި ނިންމޭނީ ކިހިނެއްތޯ ސުވާލުކޮށްފައި ވެއެވެ.

“އަހަރެން ދަންނަ ގޮތުގަ ސުޝާންތަކީ ޑިޕްރެސްވެފަ ހުންނަ މީހެއް ނޫން. އެއީ މާ އުފާވެރިކޮށް އުޅެމުން އައި މީހެއް”، އަންކިތާ ކިޔައިދިނެވެ.

މީގެ އިތުރުން އަންކިތާ ބުނީ، ސުޝާންތަކީ އެތައް ހުވަފެންތަކެއް ދެކެމުން އައި މީހެއް ކަމަށެވެ. “އޭނާގެ ޑައިރީގަ ލިޔެފަ ހުންނާނެ ކުރިއަށް އޮތް ފަސް އަހަރުގަ ހާސިލްކުރަން ބޭނުންވާ ކަންކަން، އަދި އޭނަ ދާނީ އެކަންކަން ހާސިލްކުރަމުން”، އަންކިތާ ކިޔައިދިނެވެ. ހަމައެހެންމެ، ކުރު ފިލްމު ހެދުމަކީ ސުޝާންތުގެ އެއް ހުވަފެން ކަމަށް އަންކިތާ ހާމަކުރިއެވެ.

“ބައިޕޯލާ އަކީ ސުޝާންތާ ގުޅުވައިގެން ބޭނުންކުރަން ރަނގަޅު ބަހެއް ނޫން”، އަންކިތާ ބުންޏެވެ.

އަންކިތާގެ އިންޓަވިއުގައި އިތުރަށް ބުނީ ބޭނުންވަނީ ސުޝާންތަކީ “ހީރޯ” އެއްގެ ގޮތުގައި އެންމެންވެސް އޭނާގެ ހަނދާން އާކުރުން ކަމަށާއި، “ޑިޕްރެޝަން” އަށް ދިޔަ މީހެއް ކަމަށް ނުދެކުމަށެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ އަންކިތާގެ މި އިންޓަވިއު ސުޝާންތުގެ ދައްތަ ޝްވެތާ ސިންގް ކިރްތީގެ އިންސްޓަގްރާމުގައި ހިއްސާކޮށްފައިވާ ކަމެވެ.

އަންކިތާއާއި ސުޝާންތު ލޯބީގެ ގޮތުން ގުޅުނީ ދެމީހުން އެކީގައި”‘ޕަވިތުރަ ރިޝްތާ” ޑްރާމާ ސިލްސިލާ ކުޅުނު ދުވަސްވަރެވެ. ނަމަވެސް އޭގެ ފަސް ވަރަކަށް އަހަރު ފަހުން އެދެމީހުން ވަނީ ރުޅިވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!