IruOnline

ދަރިފުޅަށް އަނިޔާ ނުކުރާތި، ކުރިޔަސް ބަހެއް ނާހާނެ!

ފަހުގެ ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި ދަރިންނަށް އަނިޔާކުރުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. އަނިޔާކުރުމަކުން ކުދިންގެ އަޚުލާގު ރަނގަޅެއް ނުވާނެ އެވެ. އަދި ބަހެއް ވެސް ނާހާނެ އެވެ. އޭގެ ބަދަލުގައި، އަނިޔާކުރާ މައިންބަފައިން ދެކެ ކުދިން ރުޅިއައިސް އެމީހުންނާ ދެކޮޅަށް އަޑު އުފުލަން ފަށާނެ އެވެ. އަދި އެމީހުން ބުނާ ބަސް ނާހައި އުޅެން އާދަވާނެ އެވެ.

މައިންބަފައިން ކުރާ އަނިޔާގެ ނަތީޖާ ކުދިންގެ ކިބައިން ފެންނާނީ ވަރަށް ނޭދެވޭ ސިފައެއްގަ އެވެ. އެކުދިންނަކީ މުޖުތަމުގައި އުޅޭ އެހެން މީހުންނާ ގުޅިގެން އުޅެން ބޭނުންވާ ބަޔަކަށް ނުވާނެ އެވެ.

މި ދިރާސާ ހެދުމަށްޓަކައި 10 ވަރަކަށް އަހަރު ވަންދެން، އެއް ލައްކައަށް ވުރެ ގިނަ ކުދިންގެ ހާލަތު މޮނިޓަ ކޮށްފައިވެ އެވެ.

ކުދިންނަށް އަނިޔާ ލިބޭ ކަހަލަ އެއްވެސް ކަމެއް ކުރުމަކީ އެކުދިންގެ ހަރުކަށިކަމާއި ރުޅިގަދަކަން އިތުރުވެ ނަފްސާނީ ބޮޑެތި މައްސަލަތައް ކުއްޖާއަށް މެދުވެރިވާ ކަމެކެވެ. އެހެންކަމުން ދަރިންނަކީ ސިއްހަތު ރަނގަޅު ނަފްސާނީ މައްސަލަތައް ނެތް ކުއްޖަކަށް ވާން ބޭނުން ނަމަ އެކުދިންނަށް އަނިޔާ ލިބޭ އެއްވެސް ކަމަކުން މައިންބަފައިން ދުރުވާން ޖެހޭނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

މި ދިރާސާގައި މޮނިޓަ ކޮށްފައިވާ ކުދިންގެ ތެރެއިން ކުޑައިރު މައިންބަފައިން އަނިޔާކޮށްފައިވާ ގިނަ ކުދިންނަކީ ބޮޑެތި މީހުންނަށް ވުމަށް ފަހުވެސް ރުޅިގަދަ، ކުށްތަކަށް އަރައިގަންނަ މީހުންނަށް ވެފައިވާކަން ފާހަގަވެފައިވެ އެވެ. އަދި މީގެ ތެރެއިން ބައެއް ކުދިންގެ ހިތުގައި އަނިޔާކުރި މަންމަ ނުވަތަ ބައްޕައަށް ރުޅިވެރިކަމާއި ނަފްރަތު އުފެދި އެމީހުންނާ ދޭތެރޭ ގޯސްކޮށް އަމަލުކުރާކަން ވެސް ހާމަވެފައިވެ އެވެ.

ގިނަ މައިންބަފައިންނަށް ގަބޫލު ކުރެވިފައި އޮންނަނީ އެމީހުންގެ ދަރިން ބަސްއަހާ އަޚުލާގު ރަނގަޅު ކުދިންނަށް ވާނީ އަނިޔާކޮށްގެން ވިޔަސް އެކުދިން އެމީހުން ބުނާ ބަސް ގަބޫލުކުރުވައިގެން ކަމަށެވެ. ނަމަވެސް މި ދިރާސާއިން ވަނީ މިފަދަ މައިންބަފައިންނަށް ކުރެވެނީ މުޅިން ކުށް ހީއެއްކަން ސާބިތު ކޮށްދީފަ އެވެ.

ސިއްހީ މާހިރުން އިންޒާރުދެއްވާ ގޮތުގައި ކުޑައިރު ކުދިންނަށް އަނިޔާކުރުމަކީ އެކުދިންގެ ސިއްހަތަށް ވެސް ބޮޑެތި ގެއްލުންތަކާ ކުރިމަތިވާ ކަމެކެވެ. އަދި ރުޅިގަދަވުމުގެ ސަބަބުން މިފަދަ ކުދިންނަށް ތަފާތު ސިއްހީ މައްސަލަތައް ދިމާވެ އެވެ.

އެހެންކަމުން ކުދިންނަށް ބިރުދައްކައިގެން އެކުދިން ތަރުބިއްޔަތު ކުރުމުގެ ބަދަލުގައި ލޯތްބާއި އަޅާލުން ދީގެން ބޮޑުކުރުން ހުރިހާ ގޮތަކުން ވެސް މާ ބުއްދިވެރި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!