IruOnline

މިހާރު ކޮވިޑް ފެތުރެމުންދާ ނިސްބަތަށް ބަލާއިރު ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހޭ މިންވަރު ދެގުނަ އިތުރު ވާނެ: ޑރ. ޝީނާ

މިހާރު ކޮވިޑް ފެތުރެމުންދާ މީހުންގެ ނިސްބަތަށް ބަލާއިރު އަދަދުތައް މައްޗަށް ދާނަމަ ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހޭ މިންވަރު ދެގުނަ އިތުރު ވާނެ ކަމަށް ޑރ. ޝީނާ މޫސާ ލަފާ ކުރައްވައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑރ. ޝީނާ ވިދާޅުވީ، އުމުރުން ދުވަސްވީ މީހުންނަށް ބަލި ޖެހޭ ނިސްބަތް އިތުރުވަމުންދާ ކަމަށެވެ. އަދި އެއާއެކު ބަލި ޖެހުމުގެ ފުރުސަތު ބޮޑު ގިންތިތަކުގެ މީހުންނަށްވެސް ބައްޔަށް ޕޮޒިޓިވްވާ މިންވަރު އިތުރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދުވެސް އިތުރުވަމުންދާ ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ.

“ހޮސްޕިޓަލުގައި މީހުން އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ ނިތްބަތްވެސް އެދަނީ މަތިވަމުން،” ޑރ. ޝީނާ ވިދާޅުވިއެވެ.

ޑރ. ޝީނާ ވިދާޅުވީ، މިހާރު ފެންނަ ކޭސްތަކަށް ރިއާޔަތްކޮށް ހެދި ޕްރޮޖެކްޝަންތަކުން ދައްކާ ގޮތުގައި، ހޮސްޕިޓަލުގައި ފަރުވާދޭން މީހުންގެ އަދަދުވެސް ދެގުނައަށް އިތުރުވެދާނެ ކަމަށެވެ.

ޑރ ޝީނާ ވިދާޅުވީ މިހާތަނަށް އައިރު ރާއްޖެއިން ގިނައިން ޕޮޒިޓިވް ވީ ޒުވާނުން ކަމަށެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި، ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުން ކޮވިޑް-19އަށް ޕޮޒިޓިވް ވާ ނިސްބަތް މަދު ކަމަށާއި މިހާރު ބަލިޖެހޭ މިންވަރަށް ބަލާއިރު، މިމަހުން ފެށިގެން ދުވަސްވީ މީހުންނާއި، ދައިމީ ބަލިތަކަށް ފަރުވާ ކުރާ މީހުން ބައްޔަށް ޕޮޒިޓިވްވާ މިންވަރު އިތުރުވަމުން ދާ ކަން ވަނީ ފާހަގަ ކުރައްވާފައެވެ.

ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހޭ މިންވަރު ދެގުނަ އިތުރު ވެދާނެ ކަމަށް ލަފާކޮށްފައި ވާއިރު، މިއަދު އެކަނި ރާއްޖެއިން ވަނީ 152 މީހަކު ޕޮޒިޓިވް ވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!