IruOnline

އިންސާނީ ވަގުފާރި ހުއްޓުވުމަށް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށް ފަންޑެއް

އިންސާނީ ވަގުފާރި ހުއްޓުވުމުގެ މަސައްކަތްތަކަށް އެހީވުމަށް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށް ފަންޑެއް ޤާއިމުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ދިވެހި ސަރުކާރުން ހާމަކުރައްވައިފިއެވެ.

ބައިނަލްއަޤްވާމީ އިންސާނީ ވަގުފާރިއާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ މުނާސަބަތުގައި ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ވަނީ ސަރުކާރުން އިންސާނީ ވަގުފާރި ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލް ހިއްސާކުރައްވާފައެވެ.

އިންސާނީ ވަގުފާރީގެ ގޮތުގައި ބަލަނީ، އޮޅުވާލުމާ މަކަރުގެ އިތުރުން ބިރު ދައްކައިގެން އެއްތަނުން އަނެއް ތަނަށް އިންސާނުން ބަދަލު ކުރުމާ، ތަނެއްގައި ގެންގުޅުމާ، އެ ފަދަ މީހުން ބަލައިގަތުން ކަމަށްވާއިރު، އިންސާނީ ވަގުފާރިއަކީ އެކަމާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ފިޔަވަޅުތަކެއް އަޅަންޖެހޭ ވަރުގެ ބޮޑު ޖަރީމާއެއް ކަމަށް ދިފާއީ ވުޒާރާގެ ބަޔާނުގައިވެއެވެ. ދުނިޔޭގެ އަދުގެ ހާލަތަށް ބަލާއިރު 24 މިލިއަނެއްހާ މީހުންނަކީ އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ވެފައިވާ މީހުން ކަމަށް ވާއިރު، މި ވަބާއިން ސަލާމަތްވެފައިވާ ހަމަ އެއް ގައުމެއްވެސް ނެތްކަމަށް ދިފާއީ ވުޒާރާގެ ބަޔާނުގައިވެއެވެ.

މިދަނޑިވަޅަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމާ މުޅި ދުނިޔެއަށް ކުރިމަތިލާންޖެހިފައިވާ ވަގުތަކަށް ވާއިރު، އިންސާނީ ވަގުފާރިއާއި ގުޅުންހުރި ކަންކަމަށް ރިއާޔަތް ކުރުމަށް އޮތް ދަތިތައް، އިތުރު ތަކުލީފަކަށް ވެފައިވާކަމަށް ދިވެހި ދިފާއީ ވުޒާރާއިން ސިފަކުރެއެވެ. ކޮވިޑް-19އާއެކު ނާޒުކު ހާލުގައި އުޅޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު، މިއީ އިންސާނީ ވަގުފާރީގެ ޖަރީމާ ހިންގާ ފަރާތްތަކަށް ތަނަވަސްވާ ފުރުސަތެއްކަންވެސް އެ ބަޔާނުގައިވެއެވެ. ނަމަވެސް ދިވެހި ސަރުކާރު ދެމި އޮތީ މައިގަނޑު 5 ނުކުތާގެ މައްޗަށް އެކުލެވޭ ޝިއާރުގެ ދަށުން އިންސާނީ ވަގުފާރިއާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ކަމަށް ދިފާއީ ވުޒާރާގެ ބަޔާނުގައިވެއެވެ. މި 5 ނުކުތާ އަކީ ސިޔާސަތުތަކާ، ހިމާޔަތް ދިނުމާ، ޝަރީއަތް ހިންގުމާ، އެފަދަ ޖަރީމާތައް ހުއްޓުވުމާ، ގުޅުންތައް ގާއިމު ކުރުމުގެ މައްޗަށް އެކުލެވޭ ‘ފައިވް-ޕީ’ ނުވަތަ ޕޮލިސީ، ޕްރޮޓެކްޝަން، ޕްރޮސެކިއުޝަން، ޕްރިވެންޝަން އަދި ޕާޓްނާޝިޕްއެވެ.

އިންސާނީ ވަގުފާރިއާއި ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި އެކުލަވާފައިވާ މުއާހަދާތަކެއް ދިވެހިރާއްޖެއިން ބަލައިގެންފައިވާއިރު، އެ އިމުގެ ތެރެއިން މަސައްކަތްތަކެއް ކުރަމުންދާނެ ކަމަށްވެސް ދިފާއީ ވުޒާރާގެ ބަޔާނުގައިވެއެވެ. އަދި 2 އަހަރެއްހާ ދުވަހުގެ މެދުކެނޑުމަށް ފަހު، މީހުން ޓްރެފިކް ކުރުމާ ދެކޮޅަށް އެކުލަވާލާފައިވާ ގައުމީ ހިންގާ ކޮމިޓީގެ މަސައްކަތްތައް ފެށިގެން ކުރިއަށްދާކަންވެސް ދިފާއީ ވުޒާރާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. ހަމަ މިއާއެކު ސަރަހައްދީ އިން ހުރަސްކޮށް، ވަގުފާރި ހުއްޓުވުމަށްވެސް ދިވެހި ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާނެ ކަމަށް ދިފާއީ ވުޒާރާއިން ބުނެއެވެ.

މިއަދު ދުނިޔޭގައި 24 މިލިއަނަށްވުރެ ގިނަމީހުން އިންސާނީ ވަގުފާރީގެ ދަލުގައިޖެހިފައިވާއިރު، ކޯވިޑް-19ގެ ސަބަބުން ދިމާވި އިޤްތިޞާދީ ދަތިތަކާއެކު މި ވިޔަފާރި އިތުރަށް ފުޅާވުމުގެ ނުރައްކާ ބޮޑުވެފައިވާކަންވެސް މި ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ އިސްނެންގެވުމާއެކު ދިވެހި ސަރުކަރުން އިންސާނީ ވަގުފާރި ދިވެހި މުޖުތަމަޢުއިން ނައްތާލުމަށް މަސައްކަތްކުރަމުންދާކަން މި ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން 2016 ވަނަ އަހަރު އިންސާނީ ވަގުފާރި ހުއްޓުވާ، މިކަމުގެ ދަލުގައިޖެހޭ އަންހެނުންނާއި ކުޑަކުދިންގެ ހައްޤުތައް ދިފާޢުކުރުމަށް މަސައްކަތް ފެށިކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ސަރުކާރުގެ “ނެޝަނަލް އެންޓި ހިއުމަން ޓްރެފިކިން އެކްޝަންޕްލޭން 2020-2022″ގެ ދަށުން ގިނަ ކަންކަމެއް ތަންފީޒުކުރުމުގެ މަސައްކަތްކުރަމުންދާކަން ޑިފެންސް މިނިސްޓްރީއިން ވަނީ ހާމަކުރައްވާފައެވެ. އެގޮތުން ކަމާ ގުޅުންހުރި މަދަނީ އަދި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކާގުޅިގެން ނެޝަނަލް އެންޓި ޓްރެފިކިންގް ސްޓިއަރިންގް ކޮމިޓީގެ ބެލުމުގެ ދަށުން މިމަސައްކަތް ކުރަމުންދާކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވެއެވެ.

ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ވަނީ “އެންޓި ހިއުމަން ޓްރެފިކިގް އެކްޓް” ރާއްޖޭގައި ވުޖޫދައް އައުމަށްފަހު މިހާރު އިންސާނީ ވަގުފާރި ހުއްޓުވުމުގެ މަސައްކަތްތަކަށް އެހީވުމަށް ދައުލަތުގެ ބަޖެޓުން ހަރަދުކޮށް ފަންޑެއް ޤާއިމުކުރުމުގެ މަސައްކަތް ފަށާފައިވާކަން ހާމަކުރައްވާފައެވެ. އަދި މިކަމަށް ޚާއްސަ އޮފީހެއް، އެންޓި ޓިޕް އޮފީހުގެ ނަމުގައި ޤާއިމުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މީގެ އިތުރުން މި ނުރައްކާތެރި ދަލުގައި ޖެހޭ ފަރާތްތަކަށް އެހީވެ ހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިޔާތަކެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަން ޑިފެންސް މިނިސްޓްރީގެ ބަޔާނުގައިވަނީ ފާހަގަކުރައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!