IruOnline

ބޮޑުފިނޮޅުން ފެނާއި ކަރަންޓު ކަނޑާލައިފި

ބ އަތޮޅުގައި ތަރައްގީކުރަމުންދާ ރިސޯޓެއް ކަމަށްވާ، ބޮޑުފިނޮޅުގައި ފެނާއި ކަރަންޓު ކަނޑާލުމާ ގުޅިގެން އެރަށުގައި ތިބި ބިދޭސީން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ރާއްޖޭގެ އޮންލައިން ނޫހަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެތަނުގައި މިއަދު 11:00 ހާއިރު ފެން ކަނޑާލާފައި ވާކަމަށާއި، 5:15 ހާއިރު ކަރަންޓުވެސް ވަނީ ކަނޑާލައިފައެވެ. އަދި ކައްކާނެ ދަރު ވެސް އެތަނުގައި ނެތް ކަމަށް އޭނާ ބުންޏެވެ. އޭނާ އިތުރަށް ބުނީ، އެތަނުގައި ކައްކާނެ ދަރު ނެތުމުން އެކަން ރިޒް ކުންފުނީގެ ވެރިޔާ އަދި ށ. މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އަށާއި ރިޒާގެ މެނޭޖަރަށް އަންގާފައިވާ ކަމަށެވެ.

މިލަންދޫ ދާއިރާގެ މެންބަރު ރިޒާ އަކީ ބޮޑުފިނޮޅުގައި ތިބި މަސައްކަތްތެރިންގެ ބެލެނިވެރި ފަރާތް ކަމަށްވާ އާރް އައި އެކްސް (ރިޒް) ކުންފުނީގެ ވެރިއާއެވެ. ބޮޑުފިނޮޅުން މައުލޫމާތު ދިން ފަރާތުން ބުނީ، ކައްކާނެ ދަރު ނެތިިގެން މީގެ 3 ދުވަސް ކުރިން ރިޒްއަށް އެކަން އަންގަމުންދާ ކަމަށާއި ކޮންމެ ފަހަރަކު ބައްލަވާފައި ގުޅުއްވާނެ ކަމަށް ވިދާޅުވެ ފޯނު ބާއްވަނީ ކަމަށެވެ. އަދި މިހާރު ގުޅާ ގުޅާ ފޯނަށް ޖަވާބު ނުދެއްވާ ކަމަށް އޭނާ ބުނެއެވެ.

ފެނާއި ކަރަންޓު ނެތުމުގެ އިތުރުން ކައްކާނެ ގޮތެއް ނެތުމުން މެންދުރުވެސް ނުކައި ތިބި ކަމަށް އޭނާ މައުލޫމާތުދެއެވެ. މިކަމާ ބިދޭސީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ބިދޭސީން ވަނީ އެމީހުންގެ ޝަކުވާތައް އެމީހުން ތަމްސީލުކޮށްދޭ ލޯ ފާމަށްވެސް ހިއްސާކޮށްފައެވެ.

ބޮޑުފިނޮޅުގައި ތިބި މަސައްކަތްތެރިންގެ އިތުރުން އެރަށުގައި މިހާރު ތިބީ ފުލުހުންނެވެ. މިކަމާ ގުޅިގެން ފުލުހުން ބުނީ، ބިދޭސީން ޒަރޫރީ ބޭނުންތައް ފުއްދޭނެ ގޮތެއް ނެތި ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެރަށުގައި ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަމަށެ ފުލުހުން މައުލޫމާތު ދެއެވެ.

މިކަމާ ގުޅިގެން މިހާތަނަށް ރިޒާގެ ބަހެއް ލިބިފައެއް ނުވެއެވެ. ރިޒާގެ ބަހެއް ލިބިފައި ނުވާ އިރު، ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ނުދޭ މައްސަލަ ވަނީ ހޫނުވެފައެވެ. އެގޮތުން ޖެނުއަރީ މަހުން ފެށިގެން އެރަށުގައި ތިބި އެއްވެސް ބަޔަކަށް މުސާރަ ނުދޭ ކަމަށް މައުލޫމާތު ލިބެއެވެ.

މި މަހުގެ 2 ވަނަ ދުވަހު، ބޮޑުފިނޮޅުގައި މަސައްކަތްކުރާ، ބިދޭސީންތަކެއް ވަނީ ދިވެހިން ރަހީނުކޮށް ހަމަނުޖެހުން ހިންގާފައެވެ. އެމީހުން ހަމަނުޖެހުން ހިންގީ 6 މަހުގެ މުސާރަ ނުލިބޭ ކަމަށް ބުނެއެވެ. މި ހަމަނުޖެހުމުގައި އެރަށަށް އަރަން އުޅުނު ފުލުހުންގެ ބަޔަކަށް އަނިޔާވެފައި ވާއިރު، ހަމަނުޖެހުން ހައްލު ކުރުމަށް ފުލުހުންނަށް އެރަށަށް އެރުނީ މާލެއިން ފުލުހުން އެރަށަށް ގޮސްގެން ތިން ވަނަ ފަހަރަށް ކުރި މަސައްކަތުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!