IruOnline
ފޮޓޯ: އަވަސް

މިދަނޑިވަޅުގައި ސިޔާސީ ޙަރަކާތްތައް ބާއްވަންވާނީ އެޗްޕީއޭގެ އެންގެވުންތަކާ އެއްގޮތަށް: އީސީ

ސިޔާސީ ޕާޓީތަކުން ބާއްވާ އެއްވުންތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުންތަކާއި އެއްގޮތަށް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އެދިއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ސިޔާސީ ޕާޓީތަކުން ސިޔާސީ ޙަރަކާތްތައް ހިންގުމަކީ މުހިއްމު ކަމެއްކަމަށާ، ނަމަވެސް، ސިޔާސީ ޕާޓީތަކުން ބާއްވާ ސިޔާސީ ޙަރަކާތްތައް ބާއްވަންވާނީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 7ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ޤަވާއިދުތަކާއި އުސޫލުތަކުގެ އިމުގެ ތެރެއިންންކަމަށެވެ.

އެ ކޮމިޝަނުން ވަނީ މިދުވަސްވަރަކީ ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 ދިވެހިރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ދުވަސްވަރަކަށްވާތީއާ މިބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެ، މި ބަލިމަޑުކަމުގެ “ދެވަނަ ރާޅެއް”ގެ އަސަރު ބޮޑުވެފައިވާ ދަނޑިވަޅެއްކަން ފާހަގަކުރައްވާފައެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން ނެރެފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރަށް ދެމެހެއްޓުމަށް އިޢުލާނުކުރާ ޤަރާރުން ދިވެހިރާއްޖޭގައި އިޢުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު އަންނަ މަހުގެ 7ވަނަ ދުވަހުގެ ނިޔަަށް އިތުރުކޮށްފައިވާތީ ސިޔާސީ ޕާޓީތަކުން ބާއްވާ ސިޔާސީ ޙަރަކާތްތައް ބާއްވަންވާނީ ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެލްތު ޕްރޮޓެކްޝަންސް އެޖެންސީއިން އަންގާފައިވާ އެންގެވުންތަކާ އެއްގޮތަށް ކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!