IruOnline
ފޮޓޯ: ދަ ޕްރެސް

ރައީސް ޔާމީނުގެ ވަކީލުންގެ ބައްދަލުވުމަށް ހުރަހެއް ނާޅަން: ކަރެކްޝަން

މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވަކީލުންގެ ބައްދަލުވުމަށް ހުރަސް އަޅާކަމަށް ބުނާ ވާހަކަ ކަރެކްޝަންސް އިން ދޮގުކޮށްފި އެވެ.

ރައީސް ޔަމީންގެ ޤާނޫނީ ޓީމަށް ރައީސް ޔާމީނާއި ބައްދަލުކުރުމަށް ކަރެކްޝަން އިން ފުރުސަތު ނުދެއްވިކަމަށް ބުނެ ނެރުނު ބަޔާނާއި ގުޅިގެން ކަރެކްޝަނުން މިއަދު ވަނީ މިކަން ސާފުކޮށް ދެއްވައި ބަޔާނެއް ނެރުއްވާފައެވެ. މިބަޔާނުގައި ބަނީ ކޯވިޑް-19 އިގެ ހާލަތާ ގުޅުވައި ޤާނޫނީ ވަކީލުންނާއި، އެހެނިހެން ބައްދަލުވުންތަކަށް އެދި ކަރެކްޝަނަށް އީމެއިލް ކުރުމުން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެބައްދަލުވުމެއް އިންތިޒާމް ކޮށްދެވޭނެ ވާހަކަ ދަންނަވާފައިވާކަމަށެވެ. އަދި މިކަމާއި ގުޅޭ މަޢުލޫމާތު ޤައިދީއަށާއި ގާނޫނީ ވަކީލުންނަށް ދީފައިވާކަމަށެވެ.

“ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވަކީލުންގެ ފަރާތުން މާލޭ ޖަލަށް ހުށަހެޅި ފޯމާ ގުޅިގެން ޢަމަލުކުރަންވީ ގޮތުގެ އިރުޝާދު މާލޭ ޖަލުން ވަކީލުންނަށް ދީފައި ވާނެ. ނަމަވެސް، މާލޭ ޖަލުން ދީފައިވާ އިރުޝާދަށް ޢަމަލުނުކޮށް، ޙަޤީޤަތް އޮޅޭ ފަދަ ގޮތަކަށް މައުލޫމާތު ފެތުރުމަކީ، އެކަމާމެދު މި ސަރވިސްއިން ކަންބޮޑުވާ ކަމެއް” ކަރެކްޝަންގެ ބަޔާނުގައިވެއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން އިއްޔެ ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ކޮވިޑް19 ގެ ސަބަބުން ކަމަށް ބުނެ މިދިޔަ މާޗު މަހުގެ ފަހުކޮޅުން ފެށިގެން ރައީސް ޔާމީންގެ ވަކީލުންނާ ބައްދަލުކޮށް ގާނޫނީ އެހީތެރިކަން ހޯދުމުގެ ހައްގަށް ކަރެކްޝަންސް އިން ހުރަސް އަޅަމުން އަންނަ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!