IruOnline

ސްވެނިއާ ފިހާރަތަކަށް އެހީ ދޭން ގޮވާލައި ގަރާރެއް

ޓޫރިސްޓުންނަށް ހާއްސަ ކޮށްގެން ހިންގާ ސްވެނިއާ ފިހާރަތަކަށް ސަރުކާރުން މާލީ އެހީތެރިކަން ދޭން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.

ޑީއާރްޕީގެ ލީޑަރު ކަމުގައި ވެސް ހުންނެވި ޖާބިރު ހުށަހެޅުއްވި އެ ގަރާރުގައި ބުނެފައި ވަނީ، ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ހާލަތުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ދަށްވެފައިވާއިރު ސްވެނިއާ ފިހާރަތަކަށް އަނބުރާ ކުރީގެ ހާލަތަށް އައުމުގެ އުއްމީދު ނެތް ފަދަ ލޮޅުމެއް އަރާފައިވާ ކަމަށެވެ.

ސްވެނިއާ ފިހާރަތަކުގެ ވިޔަފާރިއަކީ ދިވެހި އުފެއްދުންތެރިކަމުގެ ދާއިރާގެ ތެރެއިން ލިޔެލާ ޖެހުމާއި، ކުނާ ވިޔުން ފަދަ އަތްތެރި މަސައްކަތްތަކާއި ސީދާ ގުޅިފައިވާ ވިޔަފާރިއަކަށް ވާތީ، އެ ވިޔަފާރިއަށް އޮތް ޑިމާންޑް އެއްކޮށް ހުއްޓި އެ ވިޔަފާރި ކުރާ ފަރާތްތައް ހާލުގައި ޖެހިފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

އެހެން ކަމުން ޖާބިރުގެ އެ ގަރާރުގައި ގޮވާލާފައި ވަނީ ސްވެނިއާ ފިހާރަތަކަށް އެހީތެރިވެ ދިނުމަށް އެންމެ މަދުވެގެން އެއް މިލިއަން ރުފިޔާގެ ލޯނެއް ދިނުމަށް ސަރުކާރުގެ މައްޗަށް ލާޒިމު ކުރުމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!