IruOnline

ކޮވިޑާއި ގުޅިގެން ބީއެމްއެލްއިން 475.5 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

ކޮވިޑް-19 އާއި ގުޅިގެން އިގްތިސާދީ ގޮތުން ލިބިފައިވާ ހީނަރުކަން ކުޑަ ކުރުމަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްއިން 330 ފަރާތަކަށް 475.5 މިލިއަން ރުފިޔާ އާއި 6 މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފި އެވެ.

އެކަމާއި ގުޅިގެން ފިނޭންސް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އެކުލަވާލާފައިވާ އިގުތިސާދީ ރިލީފް ޕެކޭޖްގެ ދަށުން ފޯރުކޮށްދޭ ކޮވިޑް-19 ރިކަވަރީ ލޯނު ސްކީމް އެ މިނިސްޓްރީން ތަންފީޒުކުރަނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ކަމަށެވެ.

ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ރިސޯޓްތައް އަދި ވިޔަފާރިތަކުގެ ތެރެއިން 2019 ވަނަ އަހަރު 10 މިލިއަން ރުފިޔާއަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވާ ވިޔަފާރިތަކުން ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން މާލީ ގޮތުން ނޭދެވޭ އަސަރުކޮށްފައިވާނަމަ، އެ ސްކީމްގެ ދަށުން މާލީ އެހީތެރިކަމަށް އެދި ހުށަހެޅޭނެ އެވެ.

ފިނޭންސް މިނިސްޓްރީން އިތުރަށް ބުނީ އެ ސްކީމްގެ ދަށުން ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ރަހުނަކާ ނުލައި ހަ އިންސައްތަ އިންޓަރެސްޓްގައި، ގިނަވެގެން ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑްއަކާ އެކުގައި ކަމަށެވެ. ގްރޭސް ޕީރިއަޑް މުއްދަތުގެ ތެރޭގައި އިންޓަރެސްޓް އަދި ޕްރިންސިޕަލްވެސް އަނބުރާ ދައްކަން ނުޖެހޭނެކަމަށް ބުނެ އެވެ. އަދި ލޯނު އަނބުރާ ދައްކަންޖެހޭނީ ތިން އަހަރުގެ ތެރޭގައެވެ. ލޯނަށް އެދި ހުށަހަޅާއިރު، ކޮވިޑް-19 އާ ގުޅިގެން ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާނަމަ، އެ ލޯނު ލިބުމަށް ޝަރުތުފުރިހަމަ ނުވާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.

އެކަމާއި ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ބުނީ ލޯނު އަނބުރާ ދެއްކުން ފަސްކޮށްދިނުމަށް ކަނޑައެޅިފައިވާ ޝަރުތުތަކަށް އިތުރު ލުއިކަމެއް ގެނެވިފައިވާ ކަމަށެވެ. އެގޮތުން މިހާރު ލޯނަށް ގަވައިދުން ދައްކަންޖެހި، ނުދައްކާ އެއްމަސް ދުވަހުގެ އިންސްޓޯލްމަންޓް އޮންނަ ކަސްޓަމަރުން ވެސް ލޯނަށް ޝަރުތު ހަމަވާނެ ކަމަށް ވަނީ ބުނެފަ އެވެ.

އެއްމަހަށް ވުރެ ގިނަ ދުވަހު ފައިސާ ދައްކާފައިނުވާ ކަސްޓަމަރުން ދައްކަންޖެހޭ ފައިސާ ދެއްކުމަށްފަހު ލޯނު އަނބުރާ ދެއްކުން ފަސްކުރުމުގެ ފުރުސަތަށް އެދި ހުށަހެޅޭނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!