IruOnline

ޝެއާކުރުމުގެ އާދަ ދަރިފުޅުގެ ގައިގައި އަށަގަންނުވާނީ ކިހިނެއް؟

އެހެން ކުދިންނާ އެއްޗެހި ހިއްސާކޮށްގެން ކުޅެން ޖެހުނީމާ ހިތްހަމަނުޖެހި، ރުޅިގަދަވާ ކުދިން އުޅެއެވެ. އެފަދަ ކުދިންނަށް ބޮޑެތި މީހުންގެ އެހީތެރިކަން ބޭނުންވާނެ އެވެ. ހާއްސަކޮށް ދަރިފުޅު ސްކޫލަށް ދާން ފަށާއިރު، އެހެން ކުދިންނާ އެކު ބާއްވާނީ ކޮން ކަހަލަ ގުޅުމެއް ކަމާ މެދު ބެލެނިވެރިންނަށް އަމިއްލަ އަށް ސުވާލުކުރެވެ އެވެ. އަދި ބައެއް ބެލެނިވެރިން އެކަމާ ކަންބޮޑުވެ އެވެ. ކޮންމެ ކުއްޖެއްގެ ވެސް މިޒާޖު ތަފާތުވާނެތީ، ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އެ ކުދިންނަށް ދަސްކޮށްދޭން ޖެހޭ ކަންކަން ހުންނާނެ ކަމެވެ. ބައެއް ކުދިންނަށް އެ ކަންކަން ދަސްވާން ދުވަސް ނަގާނެ އެވެ.

މިފަހަރު މި ކިޔައިދެނީ، ޝެއާ ކުރުމުގެ އާދަ ދަރިފުޅުގެ ގައިގައި އަށަގެންނެވުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.

1. ޝެއާކުރުމުގެ ގަވާއިދެއް ހެދިދާނެ

ތަސްވީރު ހިމެނޭ ގޮތަށް ޕޯސްޓަރެއް ހަދާށެވެ. ޝެއާކުރުމުގެ ތިން ގަވާއިދެއް ބުނެދެވިދާނެ އެވެ.

• އެއްޗެއް ބޭނުންވެއްޖެއްޔާ އެ ވާހަކަ ބުނާށެވެ.

• ކުޅެން ހުރި ކުއްޖާ ބޭނުންކޮށް ނިމެންދެން މަޑުކޮށްލާށެވެ.

• އެކަކު އަނެކަކަށް އެހީތެރިވާށެވެ.

2. ކުއްޖާ އަށް ނަމޫނާ ދައްކާ

މައިންބަފައިން އެ މީހުންގެ ވަގުތާއި ތަކެތި އެހެން މީހުންނާ ޝެއާކޮށް އުޅޭ ތަން ފެންނަންޏާ ކުދިން ވެސް އެކަން ދަސްކުރާނެ އެވެ.

3. ކުދިންނާ ބައިވެރިވޭ

ދެ ކުއްޖަކު އެކައްޗެއް ބޭނުންވެގެން އުޅޭ ހާލަތްތައް އާއްމުކޮށް ދިމާވެ އެވެ. އެހެން ވެއްޖެ ނަމަ މައްސަލަ ހައްލުކުރާނެ މަގެއް ދައްކައިދިނުން މުހިއްމެވެ. މިސާލަކަށް، “ދަރިފުޅު ކުޅެ ނިމުނީމާ ކޮއްކޮ ކުޅެލަން މީތި ދީފާނަން”ތޯ އެހިދާނެ އެވެ. ނުވަތަ ކުއްޖާ އަށް އިޚްތިޔާރެއް ދޭށެވެ. މިސާލަކަށް، “ދަރިފުޅު ޝެއާކުރަން ބޭނުމީ ރަތް ކާރުތަ؟ ނުވަތަ ނޫ ކާރުތަ؟” މި ގޮތަށް ސުވާލުކުރެވިދާނެ އެވެ.

4. ޝެއާކުރުމުގެ ހަގީގީ މާނަ ކިޔައިދީ

ޝެއާކުރުމަކީ، ބޭނުންވާ އިރަށް އެހެން ކުއްޖެއްގެ އަތުން އެއްޗެހި އަތުލުން ނޫންކަން އަދި އަނެއް ކުއްޖާ ބޭނުންވާ އިރަށް އެއްޗެހި ދޭން މަޖުބޫރުވުން ނޫންކަން ދަރިފުޅަށް ރަނގަޅަށް އޮޅުންފިލުވައިދޭށެވެ. ބޭނުންވާ އެތި ލިބެންދެން ކެތްތެރިކަމާ އެކު މަޑުކޮށްލަން އަދި ދެ ކުދިން ބަހާލައިގެން އެ އެއްޗެއް ބޭނުންކުރަން ދަސްކޮށްދޭށެވެ. އޭރުން ކުއްޖާ އަށް އެ އަޅައިދެވެނީ އެހެން މީހުންނަށް އިހުތިރާމްކުރުމުގެ ރަނގަޅު ބިންގަލެކެވެ.

5. މަޖުބޫރު ނުކުރޭ

ޝެއާކުރަން އެއްގޮތަކަށް ވެސް އެއްބަސްނުވާ ކުއްޖާ އަށް އެކަން މަޖުބޫރު ނުކުރާށެވެ. މުހިއްމީ ޝެއާކުރުމުގެ މުހިއްމުކަން ކުދިންނަށް ވިސްނައިދެވޭތޯ ބެލުމެވެ. މައްސަލަ ޖެހި، ހައްލެއް ނުހޯދިއްޖެ ނަމަ ކޮންމެވެސް އެހެން ކުޅޭ އެއްޗަކަށް ކުއްޖާގެ ސަމާލުކަން އަނބުރާލުމަކީ ވެސް ކުރެވިދާނެ ކަމެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!