ފޮޓޯ؛ ގޫގުލް

ދިވެހި ގައުމިއްޔަތުގެ ސިފައަށް ބަދަލު ގެންނަން ނުޖެހޭ: އަލީ ހުސެއިން

ދިވެހިރާއްޖޭގައި ވިޒާ ނެތި އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ދިވެހި ގައުމިއްޔަތުގެ ސިފައާއި ވައްތަރަށް ބަދަލު ގެންނާކަށް ނުޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މިއީ ދިވެހިރާއްޖެ ކަމަށާއި، ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް, ރަސްމީ ލިޔެކިޔުމެއްނެތި، އުޅޭ ބިދޭސީންގެ މައްސަލަތައް ޙައްލުކުރުމުގެ ނަމުގައި ދިވެހި ގައުމިއްޔަތުގެ ސިފައާއި ވައްތަރަށް ބަދަލު ގެންނާކަށް ނުޖެހޭ ކަމަށެވެ.

އަލީ ހުސައިން މިހެން ވިދާޅުވީ، އިމިގްރޭޝަން ގާނޫނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި އިސަލާހުތަކާމެދު، ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީން ދިރާސާކޮށް ނިންމި އެރިޕޯޓަށް ރައީސް ނަޝީދު ވަނީ އިތުރު އިސްލާހުތަކެއް ހުށަހަޅުއްވާފައެވެ.

ރައީސް ނަޝީދު ވަނީ، ބިލްގެ ހަތްވަނަ މާއްދާގެ ކުރިއަށް މާއްދާއެއް އިތުރުކުރުމަށް ހުށައަޅުއްވާފައެވެ. އެގޮތުން ރެސިޑެންޓް ވިޒާއަކީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް ނުވަތަ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން އެ އިދާރާއިން ގަބޫލުކުރާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރުމަށް އެއްލައްކަ ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމަންޓެއް ކުރާ ބިދޭސީއެއް ނުވަތަ ދިވެހިރާއްޖޭގައި 10 އަހަރަށްވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާފައިވާ ބިދޭސީއަކަށް ދިނުމަށް ހުށައަޅާފައެވެ.

ރައީސް ނަޝީދު ހުށަހެޅުއްވި އެ އިސްލާހާ މެދު އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، އިދިކޮޅު މެމްބަރުން ވަނީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!