ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 18.60 އަށް އުފުލިއްޖެ

ޑޮލަރު ލިބުން ތާށިވެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 18.60 އަށް އަރައިފިއެވެ.

ޓޫރިޒަމް ހުއްޓި ޑޮލަރު ލިބުން ދަތިވުމާ ގުޅިގެން، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 18 ރުފިޔާ އިން މައްޗަށް އަރާފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

މިވަގުތު ކަޅު ބާޒާރުގައި، ޑޮލަރު ލިބެންހުރީ 18.30ރ. އާއި 18.60ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. މިއާއެކު، ރާއްޖޭގައި ވިޔަފާރިކުރާ ބައެއް ކުންފުނިތަކުން ބުނީ، ކުރިއަށް އޮތް ތަނުގައި ތަކެތީގެ އަގުވެސް އުފުލިގެން ހިނގައިދާނެ ކަމަށާއި އާއްމުކޮށް ރާއްޖެއިން ބޭރުން ގެންނަ ތަކެތި ބާޒާރުން މިހާރު ވަނީ އަގު ބޮޑުވެފަ އެވެ.

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލެންފެށީ މާޗްމަހުގެ މެދެއްހާ ހިސާބުގައެވެ. އެދުވަސްވަރު ޑޮލަރު ވިއްކަނީ 16.35ރ. އާއި 16.20ރ. ދެމެދުގެ އަގުތަކެއްގަ އެވެ. ޑޮލަރު ގަންނަން ހުރީ 16.10ރ. އާއި 16ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.

ފުޅާދާއިރާއެއްގައި ކަރަންސީ އެކްޗޭންޖް ކުރާ ވައިބަރ ގުރޫޕެއްގައި 10000 18000، 8000 ،1000 ޑޮލަރުވެސް ވަނީ 18 ރުފިޔާއިން މަތީގައި ވިކިފައެވެ. މިކަމުންވެސް ޑޮލަރުގެ ތާށިކަން ހުރި މިންވަރު ވަޒަން ކުރެވިގެން ދެއެވެ.

މިދިޔަ ގާތްގަނޑަކަށް އަހަރެއްހާ ދުވަހު ކަޅު ބާޒާރުގައި ޑޮލަރު ލިބެން ހުރީ 15.70ރ. އަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!